ކުޅިވަރު

ސައުދީގެ ވޯލްޑް ކަޕް ބިޑަށް ރާއްޖެއިން ތާއިދުކޮށްފި


ސައުދީ އަރަބިއްޔާއިން 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހޯސްޓުކުރަން ކުރި ބިޑަށް ފުރިހަމައަށް ތާއީދުކުރާކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ސައުދީގެ ބިޑަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި ސައުދީން ފުޓްބޯޅައިގައި ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުން ސައުދީއަށް ވޯލްޑް ކަޕެއް ހޯސްޓްކުރަން ލިބުން ހައްގު ކަމަށެވެ. ރާއްޖޭގެ ބަޔާނުގަ ވަނީ ސައުދީން ފުޓްބޯޅައަށްދޭ އަހައްމިއްޔަތު ފާހަގަކޮށްފައެވެ.

މީގެއިތުރުން އެގައުމުގައި ހުރި ވަސީލަތްތަކާއި ކުޅުންތެރިން ބިނާކުރުމަށް ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ. އެއްފޭއެމުން ނެރުނު ބަޔާނުގައި ސައުދީގެ ޑޮމެސްޓިކް ލީގާއި ބައިނަލްއަގުވާމީ ވަސީލަތްތައް ކުރިއަރުވަން ކުރުމުންދާ މަސައްކަތް ވެސް ވަނީ ފާހަގަކޮށްފައެވެ.

ސައުދީން ފުޓްބޯޅަ އިންފްރާސްޓްރަކްޗާތައް އިތުރުކޮށް، ގްރާސް ރޫޓްގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތާއެކު ސަރަހައްދީ ފުޓްބޯޅައަށް އެކަމުގެ ހެޔޮ އަސަރުކުރަމުން އަންނަ ކަމަށްވެސް ރާއްޖޭގެ އެފްއޭއިން ބުނެފައިވެއެވެ. އަދި ވޯލްޑްކަޕް ބާއްވަން ލިބިގެންދިޔަ ފުރުސަތަކީ އެ ގައުމުގެ ސަގާފަތާއި އެއްބައިވަނަތްކަން ހާމަކޮށްދޭން ލިބުނު ފުރުސަތެއް ކަމަށް ވެސް ރާއްޖޭގެ އެފްއޭގެ ބަޔާނުގައިވެއެވެ. މިއީ ކުޅުންތެރިންނާއި ފުޓްބޯޅަ ސަޕޯޓަރުންނާއި މުބާރާތުގައި ބައިވެރިވާ ގައުމުތަކަށް ހަނދާނުން ފިލުވާލަން ދަތި ވޯލްޑްކަޕް ހަދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެފްއޭއެމްގެ ބަޔާނުގައިވެއެވެ.

ސައުދީގެ ބިޑަކީ ފުޓްބޯޅައަށް ހަގީގީ ލޯބި އޮތް ކޮންމެ ގައުމަކުންވެސް ތާއީދު ކުރާނެ ބިޑެއް ކަމަށެވެ. ސައުދީން މި ވަގުތު ފުޓްބޯޅައަށް ބޮޑު ހޭދައެއް ކުރަމުން އަންނަ އެއްގައުމެވެ. ފީފާއިން އިއުލާން ކުރި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް، އެފްރިކާގެ މޮރޮކޯއާއި ޔޫރަޕްގެ ޕޯޗުގަލް އަދި ސްޕެއިންގައި ރަސްމީކޮށް ހޯސްޓް ކުރުމަށެވެ. އޭގެ އިތުރުން އެ ވޯލްޑް ކަޕްގައި އާޖެންޓީނާއާއި އުރުގުއާއީގެ އިތުރުން ޕެރޫގައިވެސް ބައެއް މެޗުތައް ކުޅޭނެއެވެ.

ޔޫރަޕާއި އެފްރިކާ ގައުމުތަކުގައި ކުރިއަށް އޮތް ވޯލްޑް ކަޕް ބާއްވަން ފީފާއިން ނިންމުމާއެކު 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމަށް ބިޑް ކުރެވޭނެ ހަމައެކަނި ބައްރުތަކަކީ މިހާރު އޭޝިއާ އަދި އޯޝެނީއާއެވެ. އެހެންކަމުން ސައުދީ އަރަބިއާއިން މިހާރު ވަނީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ބިޑްކޮށްފައެވެ.