ޚަބަރު

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގައި ގިނަ ހަރަކާތްތަކެއް


  • ތަފާތު ކުޅިވަރުތަކާއި ކެއުންތައް ބޭއްވި

  • ހަދިޔާ ދިނުން ކުރިއަށް ދިޔަ

  • ޓީޗަރުންގެ މުސާރައަށް އައި ހެޔޮ ބަދަލު އުފަލާއެކު ފާހަގަކުރޭ

  • ޓީޗަރުންގެ ވޯކްލޯޑު ކުޑަކޮށްދިނުމަކީ ޓީޗަރުންގެ ވަރަށް ބޮޑު އެދުމެއް

ބައިނަލްއަޤްވާމީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސްކޫލުތަކުގައި ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ

މިއަހަރުގެ ޓީޗަރުންގެ ދުވަސް ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައި ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އެގޮތުން އެކި ކަހަލަ ކުޅިވަރު ހަރަކާތްތަކާއި ކެއުންތައް ވަނީ ޓީޗަރުންގެ ދުވަހާއި ގުޅިގެން ޓީޗަރުންނަށް މަރްހަބާ ކިޔުމުގެ ގޮތުން ސުކޫލުތަކުގައި އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައެވެ.

ޓީޗަރުންގެ ދުވަހާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް، ރިންޒީ ވަހީދު ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ޓީޗަރުންގެ ދުވަހާއި ގުޅޭ ހަރަކާތްތައް ސުކޫލުތަކުގައި ހިންގަމުން އަންނަ ކަމަށެވެ. ވަކިން ޚާއްސަކޮށް ވޭތުވެދިޔަ ހަފްތާއިން ފެށިގެންވެސް ޓީޗަރުންގެ ދުވަހަށް ގިނަ ތައްޔާރީތަކެއްވެ ތަފާތު ކަންކަން އިންތިޒާމުކޮށްގެން ބޭއްވިކަމަށް ރިންޒީ ފާހަގަކުރެއްވިއެވެ. ރިންޒީ ވިދާޅުވީ ޓީޗަރުންނަކީ ސްކޫލުތަކުގެ އެންމެ މުހިންމު އެއް ބަޔަކަށްވެފައި އެފަރާތްތައް އެ ކުރައްވާ ބުރަ މަސައްކަތައް ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރުން މުހިންމުކަމަށެވެ.

"ޓީޗަރުންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްސަދަކީ އަސްލު ޓީޗަރުން މިކުރައްވާ ބުރަ މަސައްކަތާމެދު އެހެންމީހުންވެސް ވިސްނާލަން ފުރުސަތު ދިނުން. ދެން އަޅުގަނޑު ގަބޫލެއް ނުކުރަން ޓީޗަރުން އެޕްރިޝިއޭޓް ކުރަންޖެހޭނީ ހަމައެކަނި އެންމެ ދުވަހަކުއޭ. ކޮންމެ ދުވަހަކީވެސް ޓީޗަރުން ބުރަކޮށް މަސައްކަތްކުރާ ދުވަހެއް. އެހެންވީމާ ހަމަ ކޮންމެ ދުވަހަކީވެސް އަޅުގަނޑަށް ޓީޗަރުންގެ ދުވަަސް." ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވިއެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރާއިރު، ދަރިވަރުންނާއި، ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް އެ ރައްދުކުރައްވާ އިހްތިރާމްގެ ބަސްތަކަކީ ޓީޗަރުން އެންމެ އުފަލާއެކު ބަލައިގަންނަ އެއްކަންތައްކަމަށްވެސް ރިންޒީ ވިދާޅުވިއެވެ. އަދި މާއްދީ ގޮތުން ލިބޭ ހަދިޔާއަކަށްވުރެ ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ބަލައިގަތުމަކީ ޓީޗަރުންނަށް ލިބިގެންދާ އެންމެ ބޮޑު އުފާކަމަށްވެސް ރިންޒީ ފާހަގަކުރެއްވިއެވެ.

ޓީޗަރުންގެ ދުވަހާއި ގުޅިގެން ސުކޫލުތަކުގެ ކުލާސްރޫމްތަކުގައި ޓީޗަރުންނަށް ތަހުނިޔާ ކިޔުމުގެ ގޮތުން ޚާއްސަ ޕާޓީތައް ބޭއްވުމުގެ އިތުރުން ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދެވިފައިވެއެވެ. މިގޮތުން މަޖީދިއްޔާ ސްކޫލުގައިވެސް އެފަދަ ގިނަ ހަރަކާތްތަކެއް ހިންގިކަމަށް އެސްކޫލްގެ ދިވެހި މުދައްރިސް ވިލާދާ ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

ވިލާދާ ވިދާޅުވީ ޓީޗަރުންގެ ދުވަހެއް ފާހަގަކުރުމަކީ ހުރިހާ މުދައްރިސުންގެ މެދުގައި އެކުވެރިކަން އާލާވެ އެއްބައިވަންތަކަން ޤާއިމްވުމަށް މަގުފަހިވާ ކަމެއްކަމަށެވެ. ވިލާދާ ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަަލަކީވެސް ޓީޗަރުން އުފަލާއެކު ބަލައިގަންނަ ހެޔޮ ބަދަލެއްކަމަށެވެ.


"ހަމަ ހުރިހާ މުދައްރިސުންވެސް ވަރަށް ބަލައިގެން، ޓީޗަރުން މުސާރައަށް ގެނައި ހެޔޮ ބަދަލު، ހަގީގަތުގައި ވަރަށް ރަނގަޅު ބަދަލެއް ޓީޗަރުންގެ މުސާރައަށް ލިބިގެންދިޔަ. ހަމަ ކުރިއެރުމެއް. އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން އެކަން. ނަމަވެސް ބައެއް މުދައްރިސުންގެ މަސައްކަތަށް އައި ބަދަލުތަކާއި ގުޅިގެން ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭތީ އެކަމަށް ކޮންމެވެސް ލުޔެއް ލިބޭނެ ގޮތް ވުމަކީ ކޮންމެ މުދައްރިސެއްގެވެސް އެދުމެއް." ވިލާދާ ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

ޓީޗަރުން ކިޔަވައިދިނުމަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހެނީ އިތުރު ހަރަކާތްތަކުގައެވެ. އެހެންކަމުން ދުވާލުގެ ގިނަ ވަގުތުތައް ސުކޫލުގައި ހޭދަކުރަން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން އާއިލާއަށް ދެވެންވާ ވަގުތު ނުލިބުން އެއީ ޓީޗަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ވިލާދާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ހުރިހާ ޓީޗަރުންގެވެސް އުންމީދަކީ މިކަމަށް ހައްލެއް ލިބިގެން ދިއުންކަމުގައެވެ.

ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރ މަހުގެ 5 ވަނަ ދުވަހެވެ. ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އެކި ސްކޫލްތަކުގައި ހަރަކާތްތައް ކުރިއަށް ގެންދިޔައީ އެކި ތީމްތަކަށެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް އެކި ހަދިޔާތަށް ދިނުންވެސް ކުރިއަށް ދިޔައެވެ. ހުރިހާ ސްކޫލަކުންވެސް ފެނުނީ ވަރަށް އުފާވެރި މާހައުލެއްގައި ޓީޗަރުންނާއި ދަރިވަރުންވަގުތު ހޭދަކުރިތަނެވެ.

ޓީޗަރުންނަކީ ގައުމުގެ ކުރިމަގު ބައްޓަން ކުރުމަށް ތިބޭ ފަރާތްތަކެކެވެ. އިޖްތިމާއީ މައިދާނަށް ނިކުންނަ މީހުން ބިނާކުރުމުގެ ފަހަތުގައި ތިބެނީ ހިތްވަރާއެކު ބުރަކޮށް މަސައްކަތްކުރާ ޓީޗަރުންނެވެ. މިދުވަހަކީ ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދުރާލާ ގިނަ ތައްޔާރީތަކެއް އަބަދުވެސްވެއެވެ.