ޚަބަރު

ތަރައްޤީގެ ދުވެލި ދެމެހެއްޓުމަށް، ތަޢުލީމީ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: ރައީސް


  • ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޓީޗަރުންގެ ދުވަސް

  • ހުރިހާ ޓީޗަރުންނަށް، ދުވަހުގެ ތަޙްނިޔާ ރައީސް ފޮނުއްވެވި

  • ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މަސައްކަތުންކަން ފާހަގަކުރެއްވި

ދުނިޔެއަށް އަންނަ އިޤްތިޞާދީ، އިޖްތިމާޢީ ބަދަލުތަކާ އެއް ހަމައެއްގައި ތަރައްޤީގެ ދުވެލި ދެމެހެއްޓުމަށް، ތަޢުލީމީ މުއައްސަސާތަކުން ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިހް ފޮނުވެއްވި ޚިޠާބުގައި ވިދާޅުވީ
ބައިނަލްއަޤުވާމީ ތަރައްޤީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކާ ދިމާއަށްކަމަށެވެ. އެހެންކަމުން ދުނިޔެއަށް އަންނަ އިޤްތިޞާދީ، އިޖްތިމާޢީ ބަދަލުތަކާ އެއް ހަމައެއްގައި ތަރައްޤީގެ ދުވެލި ދެމެހެއްޓުމަށް، ތަޢުލީމީ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާ އެކުކަން ފާހަގަކުރެއްވިއެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަން ފާހަގަކުރައްވައި ޓީޗަރުންގެ އެ މުހިންމު ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ޤައުމީ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައްކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމާއެކު، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، ރާއްޖޭގެ އިޖްތިމާޢީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ މުހިންމު ކަމެއްކަމަށެވެ.

ދިވެހިންގެ ދީނީ ޢަޤީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިޢާޔަތްކޮށް، ރައީސް ވަނީ ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މިއަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ ޢާއިލާތަކަށް، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.