ޚަބަރު

ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓް ކުރުމާ ގުޅޭ ގޮތުން އީ.ޔޫއާ އެކު މަޝްވަރާ ކުރަނީ


ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް ބްލެކް ސީ ނުވަތަ ކަޅު ކަނޑުގައިވާ އެ ޤައުމުގެ ބަނދަރުތަކުން އެކްސްޕޯޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގައި އެދިއްޖެއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް މި ވަގުތު އޮތީ ހުރަސް އެޅިފައެވެ.

މި ކަމާ ގުޅޭ ގޮތުން ޔޫކްރެއިނުން އީ.ޔޫއާ އެކު މަޝްވަރާ ކޮށްފައި ވަނީ، އީ.ޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ޖޯސެފް ބޮރެއި އެ ޤައުމުގެ ވެރިރަށް ކީވަށް ދާދިފަހުން ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އީ.ޔޫގެ ބައެއް ޤައުމުތަކާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެން ވެސް ޔޫކްރެއިނުން ގޮވާން އެކްސްޕޯޓް ކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އެކު ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމަށް ހުރަސް އަޅާފައެވެ. ނަމަވެސް، ތުރުކީވިލާތާއި އ.ދގެ ބައިވެރިވުމާ އެކު ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ޚާއްޞަ އެއްބަސްވުމެއް އެކުލަވައިލާ، އެ ކަމަށް ހުއްދަ ދިނެވެ. މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ އެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލާފައެވެ.

ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ދްމީތްރޯ ކޫލެބާ ވިދާޅުވީ ގޮވާން އެކްސްޕޯޓު ކުރަން ކަޅު ކަނޑުން އައު ކޮރިޑޯއެއް ނުވަތަ މަގެއް ފެނިފައިވާ ކަމުގައެވެ. އަދި، ބޮރެއިއާ އެކު ބޭއްވި ވާހަކަތަކުގައި، އެ ކޮރިޑޯގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެ ކަމާ ގުޅޭ އިތުރު ތަފުސީލު ހާމަކުރައްވާފައެއް ނުވެއެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ފޯރުކޮށްދޭ ޤައުމެވެ. ނަމަވެސް، ހަނގުރާމައާ އެކު އެ ކަމަށް ހުރަސްއެޅި، ދުނިޔޭގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އެތަކެއް މިލިޔަން މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުރަސް އެޅުނެވެ.

ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުން އަލުން ފެށުމަށް ރަޝިޔާއިން ހުއްދަ ދީފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ ކަމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ތުރުކީވިލާތުގެ ބައިވެރިވުމާ އެކު އ.ދއިންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހުސްވި ޖުލައި މަހު ހަމަވެފައިވާއިރު، ރަޝިޔާއިން ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފައެވެ.

އަދި، އެއްބަސްވުމަށް ހުރަސް އެޅުމަށް ފަހު ރަޝިޔާއިން ވަނީ ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުން ހުއްޓުވުމުގެ ގޮތުން ކަޅު ކަނޑުގެ އައްސޭރިފަށުގައިވާ ޔޫކްރެއިންގެ ބަނދަރުމަތީ ރަށްތަކަށް ހަމަލަދޭން ފަށާފައެވެ. މީގެ ތެރެއިން ގިނަ ހަމަލަތައް އަމާޒުކޮށްފައި ވަނީ އަދިއްސާ، މިކޮލައިފް އަދި ޑެނިޔުބް ކޯރުގެ އައްސޭރިފަށުގައިވާ ބަނދަރުތަކަށެވެ.

ހުސްވި އަހަރުގެ ޖުލައި މަހުގެ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޔޫކްރެއިނުން 33 މިލިޔަން ޓަނުގެ ގޮވާމުގެ ބާވަތްތައް ބޭރުކޮށްފައިވެއެވެ. އެ އެއްބަސްވުން ރޫޅައިލަން ރަޝިޔާއިން ނިންމާފައި ވަނީ، އެއްބަސްވުމާ އެއްގޮތަށް ރަޝިޔާގައި އުފައްދާ ގޮވާމާއި، އެހެނިހެން ކާބޯތަކެއްޗާއި ގަސްކާނާ ބޭރުކުރުމުގެ ފުރުޞަތު އެ ޤައުމަށް ނުލިބޭ ކަމަށް ބުނުމަށް ފަހުއެވެ.