ޚަބަރު

މެލޭރިޔާ ފެތުރުން ކޮންޓްރޯލް ކުރަން ދެވަނަ ވެކްސިނަކަށް ހުއްދަ ދީފި


އަހަރަކު އެތަކެއް ސަތޭކަ ހާސް ބަޔެއްގެ ފުރާނަ ގެއްލޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ މެލޭރިޔާއަށް ޚާއްޞަ ކޮށްފައިވާ ދެވަނަ ވެކްސިނަކަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ކަމުގައިވާ ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ހުއްދަ ދީފިއެވެ. މެލޭރިޔާއަށް ޚާއްޞަކޮށްފައިވާ ވެކްސިނަކަށް ޑަބްލިޔު.އެޗް.އޯއިން ފުރަތަމަ ހުއްދަ ދީފައި ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ މެލޭރިޔާއާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ ފުރަތަމަ ދީފައިވާ ވެކްސިނަކީ "އާރް.ޓީ.އެސް-އެސް"އެވެ. އެ ވެކްސިން ބާޒާރަށް ނެރެފައި ވަނީ ޖީ.އެސް.ކޭ ކުންފުނިން "މޮސްކިރިސް" ބްރޭންޑް ނަމުގެ ދަށުންނެވެ.

"ފުރަތަމަ މެލޭރިޔާ ވެކްސިނަށް ހުއްދަ ދިންތާ ދެ އަހަރު ފަހުން މެލޭރިޔާ ފެތުރުން ކޮންޓްރޯލް ކުރަން ޚާއްޞަކޮށްފައިވާ ދެވަނަ ވެކްސިނަކަށް ހުއްދަ ދީފައިވާ ކަން އިޢުލާނު ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ހިތްހަމަޖެހުމެއް،" ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވިއެވެ.

މެލޭރިޔާއަށް ޚާއްޞަކޮށްގެން ދެވަނައަށް ހުއްދަ ދީފައިވާ ވެކްސިނަކީ "އާރް21/މެޓްރިކްސް-އެމް"ގެ ނަން ދީފައިވާ ވެކްސިނެކެވެ. މި ވެކްސިން ޚާއްޞަކޮށްފައި ވަނީ، މެލޭރިޔާ ޖެހުމުގެ ފުރުޞަތު އޮތް ކުޑަކުދިންނަށް ކަމުގައި ޓެޑްރޮސް ވިދާޅުވިއެވެ. އަދި، ވެކްސިންގެ ޕްރީކޮލިފިކޭޝަން ރިވިއު މިހާރު ހަދަމުންދާ ކަމަށާއި، އެ މަސައްކަތް ނިމުމާ އެކު ވެކްސިން ގަތުމުގެ ހުއްދަ އ.ދގެ ކުޑަކުދިންނާ ބެހޭ ފަންޑު—ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފަ)ށް ދޫކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އާރް21/މެޓްރިކްސް-އެމަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އޮކްސްފަރޑުން ތައްޔާރު ކޮށްފައިވާ ވެކްސިނެކެވެ. އެ ވެކްސިން ބާޒާރަށް ނެރުމަށް އުފައްދަނީ އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސް.އައި.އައި)އިންނެވެ. ޓެޑްރޮސް ވިދާޅުވީ، މި ވެކްސިން ބާޒާރުގައި ވިއްކުމަށް ހަމަޖެހިފައި ވަނީ 2 އާއި 4 އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއްގައި ކަމުގައެވެ.

އެސް.އައި.އައިގެ ސީ.އީ.އޯ އަދާރް ޕޫނާވާލާ ވިދާޅުވީ، ޑަބްލިޔު.އެޗް.އޯގެ ހުއްދައިގެ ދަށުން އެ ކުންފުނިން މިހާރު ވެސް އާރް21/މެޓްރިކްސް-އެމްގެ 20 މިލިޔަން ޑޯޒް އުފައްދާފައިވާ ކަމުގައެވެ. އަދި، ބޭނުންވާ މިންވަރަށް ބަލައި، އިތުރު ވެކްސިން އުފެއްދުމުގެ މަސައްކަތް ހަލުވި ކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، 2024 ވަނަ އަހަރު ނިމުމުގެ ކުރިން ވެކްސިނަށް އޮތް ޑިމާންޑާއި ސަޕްލައި ކުރެވޭ މިންވަރު އެއްހަމަ ކުރެވޭނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޖީ.އެސް.ކޭ ކުންފުނިން ބުނީ މެލޭރިޔާ އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ ޤައުމުތަކުގެ ތެރެއިން ގާނާ، ކެންޔާ އަދި މަލާވީގައި 1.7 މިލިޔަން ކުދިންނަށް އާރް.ޓީ.އެސް-އެސް ނުވަތަ މޮސްކިރިސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައިވާ ކަމުގައެވެ. އަދި، 2024 ވަނަ އަހަރުގެ ކުރީކޮޅު، މެލޭރިޔާ ފެތުރެމުންދާ އިތުރު ނުވަ ޤައުމެއްގެ ކުޑަކުދިންނަށް ވެކްސިން ދޭން ފަށާނެ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.

މެލޭރިޔާއަށް ޚާއްޞަކޮށްފައިވާ ވެކްސިންގެ އިތުރުން މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި އެހެން ބައްޔެއް ކަމުގައިވާ ޑެންގީ ހުމަށް ޚާއްޞަކޮށްފައިވާ ވެކްސިނަކަށް ވެސް ޑަބްލިޔު.އެޗް.އޯއިން ވަނީ ހުއްދަ ދީފައެވެ. ތަކޭދާ ފާމަސޫޓިކަލްސް ކުންފުނިން އުފައްދާފައިވާ އެ ވެކްސިނަށް ދީފައިވާ ނަމަކީ "ކިޔުދެންގާ"އެވެ. އެއީ، އުމުރުން ހަ އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް ޚާއްޞަ ކޮށްފައިވާ ވެކްސިނެކެވެ.

2021 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެލޭރިޔާ ބަލި ޖެހުނު މީހުންގެ ޢަދަދު 247 މިލިޔަނަށް އަރައެވެ. އޭގެ ތެރެއިން 95 އިންސައްތަ މީހުންނަކީ އެފްރިކާ ބައްރުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އަދި، އެ އަހަރު މި ބަލީގައި ގާތްގަނޑަކަށް 619,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމުގައި ޑަބްލިޔު.އެޗް.އޯގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. އޭގެ ތެރެއިން 96 އިންސައްތަ މީހުން މަރުވެފައި ވަނީ ވެސް އެފްރިކާ ބައްރުގެ ޤައުމުތަކުންނެވެ.