ޚަބަރު

ތިނަދޫގައި ފެން ޕްލާންޓެއް ބެހެއްޓުމަށް ކުންފުންޏަކާ ހަވާލުކޮށްފި


ގދ. ތިނަދޫގައި ފެން ޕްލާންޓެއް ބެހެއްޓުމަށް ދުބާއީގެ ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ.

މިކަން ޙަވާލުކުރެއްވީ، ދުބާއީގެ ކޮރޮޑެކްސް އިންޑަސްޓްރީ އެލް އެލްސީއާ. މިއީ، ގާތްގަނޑަކަށް ތިނެއް ޕޮއިންޓް ހަޔެއް މިލިޔަށް ރުފިޔާގެ އެއްބަސްވުމެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ.

ރާއްޖޭގެ ތަރައްޤީއަށް ހިންގަވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަޝްރޫޢަކީ، ރައްކާތެރި ބޯފެނުގެ ޚިދުމަތް ދެއްވުމެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފެނުގެ ދަތިކަން އެންމެ ބޮޑު ރަށަރަށަށް އިސްކަން ދެއްވައިގެން، ރައްކާތެރި ބޯފެނުގެ ޚިދުމަތްދެއްވުމަށް ގެންދަވަނީ އެކި ރަށްރަށުގައި މަޝްރޫޢުތައް ހިންގަވަމުންނެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުތައް ނިމި ރައްޔިތުންނަށް މިއަހަރުވެސް އަދި މިދިޔަ އަހަރުވެސް ވަނީ ޚިދުމަތްދެއްވަން ފަށްޓަވާފައެވެ.

މި މަސައްކަތް ސަރުކާރުން ހިންގެވުމުގައި އެންމެ މުހިންމު ދައުރު ޙަވާލުކުރައްވާފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އެ ކޯޕަރޭޝަނުން ހިންގަވާ ރައްކާތެރި ފެނުގެ ޚިދުމަތްދިނުމުގެ މަޝްރޫޢުތަކުގެ ތެރެއިން މި ވަގުތު އެންމެ ބޮޑަށް އަމާޒު ހިފާފައިވާ އެއް ރަށަކީ، ގދ. ތިނަދޫގައި ދެވޭ ރައްކާތެރި ފެނުގެ ޚިދުމަތް ތަރައްޤީކުރެއްވުމެވެ.

ތިނަދޫގެ ފެނުގެ ޕްރޮޖެކްޓްގެ ބޭނުމަށްޓަކައި ބޭނުންވާ ފެން ޕްލާންޓެއް ބެހެއްޓުމަށް ދުބާއީގެ ކުންފުންޏެއް ކަމުގައިވާ ކޮރޮޑެކްސް އިންޑަސްޓްރީ އެލް.އެލް.ސީއާއި ޙަވާލުކޮށްފައެވެ. މި މަޝްރޫޢު އެ ކުންފުންޏާ ޙަވާލުކުރީ އެ އިދާރާއިން ފެން ޕްލާންޓް ބެހެއްޓުމަށްޓަކައި ކުރި އިޢުލާނަށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވަނީ އެ ކުންފުނިންކަމަށްވާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ.

ތިނަދޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ފެން ޕްލާންޓާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލު ވިދާޅުވީ މިހާރު ތިނަދޫގައި ހުރި ފެންޕްލާންޓާއި އަލަށް މިޤާއިމް ކުރާ ފެންޕްލާންޓާއެކު، ދެ ޕްލާންޓުން ތިނަދޫގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 450 މެޓްރިކް ޓަންގެ އުފެއްދޭނެކަމަށެވެ. މި ފެން ޕްލާންޓަކީ ސަރުކާރުގެ މާލިއްޔާއިން ދެއްވި ޙާއްޞަ ބަޖެޓެއްގެ ދަށުން ހިންގަވާ މަޝްރޫއުއެއްކަމަށް ނިމާލް ވިދާޅުވިއެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި މި ފެންޕްލާންޓް ތިނަދޫގައި ބަހައްޓައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އަދި މި ފެންޕްލާންޓުން އުފައްދާ ފެން އެރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އެ ހިސާބުގަނޑުގައި ދަތުރު ކުރާ މަސްވެރިންނަށްވެސް ދެވޭވަރުވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.