ޚަބަރު

ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން އަންގައިފި


  • އެ ބޯޑުގެ ބަޔާނުގައިވަނީ އިންތިޤާލީ މަރުހަލާގައި ޢަމަލު ކުރަންވީ ގޮތް އަންގާފައި

  • ކުންފުނިތަކާއި ބެހޭ މަޢުލޫމާތު އިންތިޤާލީ ކޮމެޓީއަށް ފޯރުކޮށްދިނުމަށްވަނީ ގޮވާލާފައި

ސަރުކާރުގެ ބާރުތައް އައު ސަރުކާރަށް ބަދަލުކުރުމުގެ މިމަރުޙަލާގައި ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގަވައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ބަޔާނުގައި ވަނީ އިންތިޤާލީ މަރުޙަލާގައި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުން ވިޔަފާރި ކުރާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޢަމަލު ކުރަންވީ ގޮތްތައް ހާމަކުރައްވާފައެވެ.

އެގޮތުން، ކުންފުނިތަކުން އަލަށް އެއްވެސް ޕްރޮޖެކްޓެއް ނުފެށުމާއި، ބޮޑު ޚަރަދު ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރުމަށްވަނީ އަންގަވާފައެވެ. އަދި ކުންފުނީގެ އާމްދަނީއަށް އަސަރުކުރާނެ ޤަވާޢިދުތަކާއި އުޞޫލުތައް ނިންމުންތަކަށް ބަދަލެއް ނުގެނައުމަށާއި، މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތާއި ދިނުމަށް ކަނޑައެޅިފައިވާ އުސޫލްތަކާއި މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، ކުންފުނިތަކުގެ މުވައްޒަފުންނާއި ގުޅޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ބަދަލު ނުގެނައުމަށާއި، ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށްވެސްވަނީ އަންގަވާފައެވެ.

އިންތިޤާލީ ކޮމެޓީއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެއްވުމަށާއި، އެކޮމިޓީއަށް ބޭނުންވާ ލިޔެކިއުންތަކާއި، މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސާދެއްވުމަށްވެސް ޕްރައިވެޓައިޒޭޝަން ބޯޑުން ކުންފުނިތަކަށްވަނީ އަންގަވާފައެވެ. އަދި އިންތިޤާލ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ޒިންމާދާރު އަދި ހާމަކަންބޮޑު ގޮތެއްގައި ކުންފުނިތަކުގެ ނިންމުންތައް ނިންމުމަށް ކުންފުނިތަކުގެ ބޯޑުތަކަށްވަނީ އަންގަވާފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އިންތިޤާލީ ކޮމެޓީގެ އެންމެ އިސް ފަރާތަކަށް ހަމަޖައްސަވާފައިވަނީ، ޕީޕީއެމް/ޕީއެންސީގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މިހާރުގެ ސަރުކާރުގެ ފަރާތުން އިންތިޤާލީ ކޮމިޓީގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރެވެ.