ޚަބަރު

މާލޭ ސިޓީގެ މޭޔަރުކަމަށް މަޙްލޫފް ވާދަކުރައްވަނީ


  • މަޙްލޫފަކީ މިހާތަނަށް މޭޔަރުކަމަށް ޝަޢުޤުވެރިކަން ފާޅުކުރެއްވި ބޭފުޅަ

  • މޭޔަރުކަމުގެ މަޤާމު ހުސްވާނީ ނޮވެމްބަރު 17ގައި

  • މޭޔަރުކަމުގެ މަޤާމު ހުސްވާނީ ޑރ.މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުން

  • މިހާރު މާލެ ސިޓީ ކައުންސިލުގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މޭޔަރާ ވަނީ ހަވާލުކޮށްފަ

  • މާލޭ ސިޓީ ކައުންސިލް މޭޔަރު ކަމުގެ މަޤާމުގައި ހުންނެވީ އިންތިހާބީ ރައީސުލްޖުމްޙޫރިއްޔާ ޑރ މުއިއްޒު

މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން މިހާރުގެ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފް ނިންމަވައިފިއެވެ. މަހްލޫފް ވަނީ މޭޔަރުކަމަށް ވާދަކުރެއްވުމުގެ ޝަޢުޤުވެރިކަން ފާޅުކުރައްވާ ސޯޝަލް މީޑިއާގައި އެކަން ޙިއްސާކުރައްވާފައެވެ.

މާލޭގެ މޭޔަރުކަމުގެ މަޤާމަށް ޝޯޝަލް މީޑިއާގައި ކެމްޕެއިން ފަށްޓަވައި ކުރެއްވި ޓްވީޓްގައި ވަނީ، މާލޭގެ މޭޔަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރެއްވާނެކަމަށް ވިދާޅުވެ، މާލޭގެ ރައްޔިތުން ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ މަޙްލޫފަކީ މިހާތަނަށް މޭޔަރުކަމަށް ވާދަކުރައްވާނެކަން އިޢުލާންކުރެއްވި ފުރަތަމަ ބޭފުޅާއެވެ.

މާލޭގެ މޭޔަރުކަމުގެ ބައި އިލެކްޝަން އޮންނާނީ މޭޔަރުކަމުގައި މިހާރު ހުންނެވި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ނޮވެމްބަރު 17ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުންނެވެ. މާލެ ސިޓީ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވަނީ އެމަނިކުފާނު އަދާކުރައްވަމުންގެންދެވި މޭޔަރުކަމުގެ މަސްޢޫލިއްޔަތުތައް ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްއާއި ވަގުތީގޮތުން ހަވާލުކުރައްވާފައެވެ.