ޚަބަރު

ރިޔާސީ ނިޒާމަށް ތާއީދު ހޯދަން ޢަމަލީގޮތުން މަސައްކަތްކުރާނަން: ރައީސް


  • ޤައުމީ މަޖިލިސް ބޭއްވީ ނިޒާމީ ވޯޓާގުޅޭ ޤަރާރަށް ގޮތެއް ނިންމުމަށް

  • ރާއްޖެއަށް އެންމެ ފައިދާއޮތީ ރިޔާސީ ނިޒާމުންކަމަށް

  • ޢަމާޒަކީ އަންނަ މަޖިލިސް އިންތިޚާބު ކާމިޔާބުކުރުންކަމަށް

  • އެއަށްފަހު 2028ގެ ވެރިކަން ހޯދުންކަމަށް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ބޭއްވުމަށް، ޢަމަލީގޮތުން މަސައްކަތްތައް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރާއި ގުޅިގެން އެމްޑީޕީން ގޮތެއް ނިންމުމަށް ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށާއި، ރާއްޖެއަށް އެންމެ ފައިދާހުރި ނިޒާމަކީވެސް ރިޔާސީ ނިޒާމުކަމަށެވެ. ނިޒާމީ ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ބޭއްވުމަށް އެމަނިކުފާނު ޢަމަލީގޮތުން މަސައްކަތްކުރައްވާނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ދެ ނިޒާމުގައި ވެސް ރަނގަޅާއި، ގޯސް އެބަހުރި. އެކަމަކު މިރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމުކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށް." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި އެހެން މެންބަރުންގެ ރޫހުވެސް ހުރީ ރިޔާސީ ނިޒާމު ދެމެހެއްޓުމަށެވެ.

ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމައިފިކަމަށާއި، ދެން އޮތީ ޒިންމާދާރުކަމާއެކު އިދިކޮޅު ޕާޓީއެއްގައި އޮވެގެން ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށެވެ.
އެމަނިކުފާނުގެ ޢަމާޒަކީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގެ އަޣްލަބިއްޔަތު އެމްޑީޕީއަށް ހޯދައިދީ، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެޕާޓީއަށް ކާމިޔާބުކޮށްދިނުންކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެކަމަށް އެޕާޓީއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާއެކު ނާކާމިޔާބީއާވެސް ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ ނާކާމިޔާބިއަކީ އެޕާޓީއަށް އައު ކަމެއް ނޫންކަމަށެވެ. ޑިމޮކްރަސީގައި އިދިކޮޅުގެ ދައުރަކީވެސް މުހިންމު ދައުރެއްކަމަށާއި، އެއީ ވެރިކަން ހިންގުމުގެ އެއް ބާރުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެޕާޓީއަށް ވޯޓްދެއްވި ހުރިހާ މެންބަރުންނަށާ، ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި އެ ގޮތުގައި ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް މަސައްކަތްކޮށް އެމްޑީޕީއަށް އެއިންތިހާބުތައް ކާމިޔާބުކުރުމަށް މަސައްކަތްތައް ކޮށްދެއްވުމަށް ރައީސް ވަނީ ޤައުމީ މަޖިލީހުގެމެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.