ޚަބަރު

ބަރުލަމާނީ ނިޒާމު ގެންނަން ތާއީދުނުކުރަން އެމްޑީޕީ ޤައުމީ މަޖިލިސް އިއްތިފާޤު!


  • ހުރިހާ މެންބަރުންވެސް ތާއީދުކުރެއްވީ ރިޔާސީ ނިޒާމަކަށް

  • ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި

  • ނިޒާމީ ވޯޓަށް އެހުމަކީ އިސްރާފެއްކަމަށް ވިދާޅުވި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަކަމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިއްތިފާޤުން ފާސްކޮށްފިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމުންގެ ވޯޓެއް ނެގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤަރާރާ ގުޅިގެން، އެމްޑީޕީން ގޮތެއް ނިންމުމަށް ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ރޫހުވެސް ހުރީ ރިޔާސީ ނިޒާމު ދަމަހައްޓައި، ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނުމަށެވެ.

ރާއްޖޭގެ ވެރިކަމުގެނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބުވިޔަ ނުދެއްވުމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓުސްއިން މަސައްކަތްކުރެއްވިކަމަށް ޤައުމީ މަޖިލީހުގެ ގިނަމެންބަރުން ތުހުމަތުކުރެއްވިއެވެ. ޑިމޮކްރެޓުން މަސައްކަތްކުރެއްވީ ރައީސް ޞާލިޙު ނޫންގޮތެއް ހޯދުމަށްކަމަށާއި، އެހެންކަމުން މިހާރު ބޭނުންވަނީ "ބަރުލަމާނީ ނޫން ގޮތެއް"ކަމަށްވެސް ޤައުމީ މަޖިލީހުގެ ގިނަ މެންބަރުން ވަރަށް ޖޯޝުގައި ވިދާޅުވަމުން ގެންދެވިއެވެ.

އެ ބޭފުޅުންވެސް ވިދާޅުވީ ރައީސް ޞާލިޙް ނޫން ގޮތެކޭ. ކޮންމެހެން މުއިއްޒު ހޮވާކަށް ނޫން ވާހަކަދެއްކީ. ރައީސް ޞާލިޙް ނޫން ގޮތެއް ޑިމޮކްރެޓްސްއިން ދެއްކީ. އަޅުގަނޑު މި ވަގުތު އެހާ ބަލާކަށް ބޭނުމެއް ނޫން ރާއްޖެއަށް ރަނގަޅީ ކޮން ނިޒާމެއްތޯއެއް. އަޅުގަނޑު ވެސް މިހާރު ބޭނުންވަނީ ބަރުލަމާނީ ނިޒާމު ނޫން ގޮތެއް" އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ނިޒާމީ ވޯޓެއް ނަގަން ޑިމޮކްރެޓުސްއިން ހުށައެޅި ޤަރާރަށް އެވަގުތު ވޯޓުދިނީ އެޕާޓީގެ ތާޢީދު މުހިންމުވުމުންކަމަށެވެ. އެވަރުންވެސް އެބޭފުޅުން މަސައްކަތްކުރެއްވީ ރައީސްއާއި ދެކޮޅަށްކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންވެސް މިވަގުތު ބޭނުމީ ބަރުލަމާނީ ނޫންގޮތެއް" ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި މެންބަރުން ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް މުޙައްމަދު ނަޝީދު ކުރައްވާ މަސައްކަތަށް ފާޅުގައި ދެކޮޅު ހައްދަވާނެކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ތިއްބެވީ "ނަޝީދު ނޫންގޮތެއް"ގައިކަމަށްވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވިއެވެ.

"ދެން އަޅުގަނޑުމެން ބޭނުން ވަނީ މުހައްމަދު ނަޝީދު ނޫން ގޮތެއް،" މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

މެންބަރުން ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ ރިޔާސި ނިޒާމުކަމަށެވެ. އެހެންކަމުން 44 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެފަދަ ވޯޓެއް ނެގުމަކީ ދައުލަތުންކުރާ ބޮޑު އިސްރާފެއްކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.

މެންބަރުންގެ ވާހަކަތަކަށްފަހު، ޤައުމީ މަޖިލީހުގެ ރޫހު ހުރިގޮތް ވަރަށް ސާފުކަމަށް ވިދާޅުވެ، ރިޔާސަތު ބެލެހެއްޓެވި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވަނީ ސެކްރެޓޭރިއެޓުގެ ފަރާތުން ޤަރާރެއް ހުށައަޅުއްވާފައެވެ. އެ ޤަރާރުގައި ވަނީ ނިޒާމީ ވޯޓެއް ނަގާނަމަ ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރުމަށް ބަޔާންކޮށްފައެވެ.

އެ ގަރާރަށް ވޯޓަށް އެހުމުން އެމްޑީޕީގެ ގައުމީ މަޖިލިހުގެ 90 މެމްބަރުން ވޯޓު ދެއްވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ދެކޮޅަށެވެ.

ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށައެޅީ ދަ ޑިމޮކްރެޓްސްގެ ފަރާރުންނެވެ. އެ ގަރަރު ފާސްކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އަދި އެ ޤަރާރު މަޖިލީހުން ފާސްކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވިނަމަވެސް، އެކޮމިޝަނުން ވަނީ ނިޒާމީ ވޯޓު ނަގާއިރު، ވޯޓު ކަރުދާހުގައި އަހަންވީ ސުވާލު ސާފު ނުވާތީ، އެކަން ސާފުކޮށްދިނުމަށް އެދި، އެ ޤަރާރު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.