ޚަބަރު

ރައީސް ނަޝީދުގެ ވާހަކަ ދޮގުކޮށް، އެމްޑީޕީން ބުނީ ނިޒާމީ ވޯޓަކަށް އެއްބަސްވެފައި ނުވާނެކަމަށް


  • ރައީސް ނަޝިދު ހެއްދެވީ އިތުރުފުޅެއްކަމަށް އެމްޑީޕީން ބުނޭ

  • ރައީސް ނަޝިދު ވިދާޅުވީ އެމްޑީޕީއަށް އިތުބާރު ނުކުރެވޭކަމަށް

  • ނިޒާމީ ވޯޓަށް އެމްޑީޕީން ވަނީ ޤައުމީ ޖިލީހުން ގޮތެއް ނިންމަން ތަޢާވަލުކޮށްފަ

  • ރައީސް ނަޝީދު އަބަދުވެސް ގެންދަވަނީ ބަރުލަމާނީއަށް ތާޢީދުކުރައްވަމުން

މިދިއަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކިކޮޅަކަށް ދަ ޑިމޮކްރެޓްސްއިން ތާޢީދު ނުކޮށްފިނަމަ، ނިޒާމީ ވޯޓު ނެގުމަށް އެމްޑީޕީން ފުރިހަމައަށް ތާއީދު ކުރާނެކަމަށް، އެމްޑީޕީން ބުނެފައިވާކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި، ވިދާޅުވުން އެމްޑީޕީން ދޮގު ކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުފެ ދެވަނަ ބުރުގައި ވަކި ބަޔަކަށް ތާއީދުނުކޮށް ތިބެއްޖެނަމަ، ނިޒާމީ ވޯޓަށް އެމްޑީޕީން ތާޢީދު ކުރާނެކަމަށް ބުނެފައިވާކަމަށެވެ. އެކަމަށް އެއްބަސްވެ ޑިމޮކްރެޓްސް އަތުން ސިޓީއެއް ވެސް އެމްޑީޕީން ހޯދާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެމްޑީޕީން ޖަވާބު ދީފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ މިވަގުތު ބަހުގެ އިތުބާރު ހިފޭ ޕާޓީ އެއް ނޫންކަމަށްވެސް ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދުދެއްވައި އެމްޑީޕީން ބުނީ، ދަ ޑިމޮކްރެޓްސްއިން ހުށަހެޅި، ހުށަހެޅުމަކީ ސެޕްޓެމްބަރު 30 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް، ތާޢީދު ކުރުން ކަމަށެވެ. އަދި މި ހުށަހެޅުމަށް ތާޢީދު ކުރާނަމަ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާޢީދު ކުރާނެކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފައިވާކަމަށްވެސް އެމްޑީޕީން ބުންޏެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްގެ އެހުށަހެޅުން ގަބޫލުކުރެވެން ނެތް ކަމަށް، އެ ޕާޓީއަށް އަންގާފައިވާނެކަމަށްވެސް އެމްޑީޕީން ބުންޏެވެ.މީގެ އިތުރުން، އެހެން އެއްވެސް ކަމަކަށް، ދަ ޑިމޮކްރެޓްސް އާއިއެކު، އެއްބަސްވެފައިނުވާނެކަމަށް ވެސް އެމްޑީޕީން ވިދާޅުވެއެވެ.

މިދިއަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 3 ވަނައަށް ދަ ޑިމޮކްރެޓްސް ދިޔުމާއިއެކު، އެ ޕާޓީއިން ވަނީ ދެވަނަ ބުރަށް ދިޔަ ދެ ޕާޓީކަމަށްވާ ޕީއެންސީ އާއި އެމްޑީޕީއަށް، ހުށަހެޅުންތަކެއް ހުށަހަޅާ، އެކަންކަން ޤަބޫލުކޮށްފިނަމަ ތާޢީދު ކުރާނެކަމަށް ބުނެފައެވެ. އެގޮތުން، ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅި ހުށަހެޅުމަކީ ސެޕްޓެންބަރު 30ގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނިޒާމީ ވޯޓު ނެގުމަށް، އެ ޕާޓީން ހުށަހަޅާފައިވާ ޤަރާރަށް ތާޢީދުކޮށް، އެ ތާރީޚުގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމެވެ.

މިކަމާއި ގުޅޭގޮތުން، ދަ ޑިމޮކްރެޓްސް އާއި ވަގުތީ ގޮތުން ހަވާލުވެހުންނެވި ޗެއަރޕާސަން ޙަސަން ލަޠީފް މީގެ ކުރިން ވިދާޅުވީ މި ހުށަހެޅުމަށް، އެމްޑީޕީން ޖަވާބެއް ދީފައިނުވާ ކަމަށެވެ. އަދި ޕީއެންސީއަށް ހުށަހެޅި ހުށަހެޅުމަށް، އެ ޕާޓީން އެއްބަސްވެފައިނުވާކަމަށެވެ. ވީމާ، ދަ ޑިމޮކްރެޓްސްގެ ކައުންސިލްގެ އަޤުލަބިއްޔަތުން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ.

ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާ މަޖިލީހަށް ވަނީ ގަރާރެއް ހުށައަޅުއްވާފައެވެ. އެ ގަރާރު ހުށައެޅުއްވީ ރިޔާސީ އިންތިޚަބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓސްގެ ފަރާތުން ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެ ޤަރާޜު މަޖިލީހުން ފާސްކުރީ ސެޕްޓެމްބަރު 20 ވަނަ ދުވަހުއެވެ.

އަދި އެ ޤަރާރު އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވިނަމަވެސް، އެކޮމިޝަނުން ވަނީ ނިޒާމީ ވޯޓު ނަގާއިރު، ވޯޓު ކަރުދާހުގައި އަހަންވީ ސުވާލު ސާފު ނުވާތީ، އެކަން ސާފުކޮށްދިނުމަށް އެދި، އެ ޤަރާރު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.