ބަންގްލަދޭޝްގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުން ދާއިރު، މި އަހަރުގެ ތެރޭގައި މި ބަލީގައި މަރުވި މީހުންގެ ޢަދަދު 1,000 އަށްވުރެ އިތުރުވެއްޖެއެވެ. ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ޢާންމުވެފައި ވަނީ ވިއްސާރަ މޫސުން ފެށުނު ހިސާބުން ފެށިގެން ކަމުގައި އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ. މި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުންދާއިރު، އެ ޤައުމުގެ ގިނަ ހޮސްޕިޓަލްތައް މިހާރު ވަނީ ބަލި ޖެހިފައިވާ މީހުންނާ އެކު ފުރިފައެވެ.
ޑެންގީއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އިންސާނުންނަށް މި ބަލި ފަތުރަނީ އީޑީސް ޢާއިލާގެ މަދިރިއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ ހުން ހިމެނެއެވެ. އަދި، ޑެންގީގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގައިވާ "ޑެންގީ ހެމޮރެޖިކް ފީވަރ"ގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތަކުން ލޭއައުމާއި، ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވުން ހިމެނެއެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ މަދިރި އާލާވާ ތަންތައް ނައްތައިލުމެވެ. އަދި، މަދިރި ހެފުމުން ދުރުކޮށްދޭނެ ފިޔަވަޅުތައް އެޅުމެވެ.
ބަންގްލަދޭޝްގެ ޢާންމު ޞިއްޙަތާ ބެހޭ އިދާރާ ކަމުގައިވާ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތް ސަރވިސަސްއިން ބުނީ މި އަހަރުގެ މިހާތަނަށް އެ ޤައުމުގައި ޑެންގީ ހުން ޖެހުނު މީހުންގެ ޢަދަދު 200,000 އަށް އަރާފައިވާ ކަމުގައެވެ. އަދި، މި ބަލީގައި މަރުވެފައިވާ މީހުންގެ ޢަދަދު 1,006 އަށް އަރާފައިވާ ކަމުގައެވެ.
އެ އިދާރާގެ ކުރީގެ އިސް އޮފިޝަލެއް ކަމުގައިވާ ބޭނަޒީރު އަޙްމަދު ވިދާޅުވީ 2000 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެދު ޑެންގީ ޖެހިގެން މަރުވި މީހުންގެ ޢަދަދާ އެއްވަރަށް މި އަހަރުގެ ތެރޭގައި މީހުން މަރުވެފައިވާ ކަމުގައެވެ. 2022 ވަނަ އަހަރު ބަންގްލަދޭޝްގައި ޑެންގީ ހުން ޖެހިގެން މަރުވެފައި ވަނީ 281 މީހުންނެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް މަރުވެފައިވާ 1,006 މީހުންގެ ތެރޭގައި 112 ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި 15 އަހަރުން ދަށުގެ ކުޑަކުދިންނާއި ތުއްތުކުދިން ހިމެނެއެވެ.
ޑެންގީ ހުމަކީ މި ވަގުތު އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ ބަލި ކަމަށް ބުނެ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ޖަނަވަރީ މަހު ވަނީ އިންޒާރު ކޮށްފައެވެ. އަދި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވައިލާ، ޑެންގީއަކީ ޢާންމު ބަލިމަޑު ކަމަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ކޮށްފައެވެ.
ޑަބްލިޔު.އެޗް.އޯގެ އޮފިޝަލުން ވިދާޅުވީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މި ވަގުތު މި ނުރައްކާތެރި ބައްޔަށް ހުށަހެޅިފައިވާ ކަމުގައެވެ. ޑެންގީގެ އިތުރުން މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި އެހެން ބަލިތައް ކަމުގައިވާ ޗިކުންގުންޔާ، ރީނދޫ ހުން އަދި ޒިކާ ވެސް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގައި ޑަބްލިޔު.އެޗް.އޯއިން ބުނެއެވެ.
މަސްރަޙު ދިރާސާކުރާ ސައިންސްވެރިން ބުނީ، މި އަހަރު ޑެންގީ ހުން ހަލުވިކަމާ އެކު ފެތުރެމުން މި ދަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކަމުގައެވެ. މި ގޮތުން، އެހެން އަހަރުތަކާ އަޅައިބަލާއިރު، އޭޝިޔާގެ ގިނަ ޤައުމުތަކަށް މި އަހަރުގެ ވިއްސާރަ މޫސުމުގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުމާއި، އެހެން ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވުމަކީ ޑެންގީ ހުން ޢާންމުވުމަށް ކުރިމަތިވި އެއް ސަބަބު ކަމުގައި ސައިންސްވެރިން ދެކެއެވެ.
ޑާކާގައި ހުންނަ ޖަހަންގިރްނަގޫރް ޔުނިވަރސިޓީގެ ޒޫލޮޖީ ޕްރޮފެސަރެއް ކަމުގައިވާ ކޮބިރުލް ބަޝާރު ވިދާޅުވީ، ބަންގްލަދޭޝްގެ އިތުރުން ޓްރޮޕިކަލް އަދި ސަބް-ޓްރޮޕިކަލް ސަރަޙައްދުތަކުގެ އެހެން ޤައުމުތަކުގައި ވެސް ޑެންގީ ހުން ފެތުރެމުންދާ ކަމުގައެވެ. އަދި، މި ކަމުގެ ފަހަތުގައި އޮތް އެންމެ ބޮޑު ސަބަބަކީ މޫސުމީ ބަދަލުތައް ކަމުގައެވެ.
1960ގެ އަހަރުތަކުން ފެށިގެން ބަންގްލަދޭޝުން ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، އޭގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގައިވާ "ޑެންގީ ހެމޮރެޖިކް ފީވަރ" ޢާންމުކޮށް ފެތުރެން ފަށާފައިވާ ކަން ރިޕޯޓު ކޮށްފައި ވަނީ 2000 ވަނަ އަހަރުއެވެ. މީގެ ކުރިން ޑެންގީ ހުން ޢާންމުވެފައި ވަނީ ހޫނު މޫސުމާއި ވިއްސާރަ މޫސުމުގައެވެ. ނަމަވެސް، ފަހަކަށް އައިސް ފިނި މޫސުމުގައި ވެސް ބަންގްލަދޭޝުން މި ބަލީގެ ކޭސްތައް ފެންނަމުންދާ ކަމުގައި އެ ޤައުމުން ބުނެއެވެ.