ޚަބަރު

އިންތިޚާބީ ރައީސާއި މަޖިލީހުގެ ރައީސް ބައްދަލު ކުރައްވައިފި


  • މި ބައްދަލުކުރެއްވުމުގައި ޓްރާންސިޝަނަލް ޕީރިއެޑުގައި އެއްބާރުލުން ދެއްވުމަށް މުޢިއްޒު އެދިވަޑައިގެންނެވި

  • އަދި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ނަޝީދު ދެއްވި

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި ޑރ. މުޢިއްޒު ވަނީ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް މަޖިލީހުން ދެއްވަންޖެހޭ އެއްބާރުލުންން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މަޖިލީހުގެ ރައީސް، ނަޝީދު ވަނީ މަޖިލީހުން ދޭންޖެހޭ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ޑރ. މުޢިއްޒަށް އަރުވާފައެވެ.

މި ބައްދަލުވުމުގައި ޑރ. މުޢިއްޒުގެ ނައިބު ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްއާއި ޓްރާންސިޝަނަލް ކޮމިޓީގެ ލީޑަރަކަށް މުޢިއްޒުގެ ފަރާތުން ހަމަޖެއްސެވި ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމާއި، މައިނޯރިޓީ ލީޑަރު ޢަލީ އާޒިމްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމަށް މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވުމަށްފަހު ޑރ.މުޢިއްޒު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި، ސޮއިކުރައްވާފައެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޑރ. މުޢިއްޒު އިންތިޚާބުގވުމާއިއެކު، ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވެސް، ޑރ. މުޢިއްޒު ވަނީ ޓްރާންސިޝަނަލް ޕީރިއެޑުގައި ދެއްވަން ޖެހޭ އެއްބާރުލުމެއް ދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.