ވިޔަފާރި

10 އަހަރަށްފަހު ސައުދީގެ ޤައުމީ އެއަރލައިން ރީބްރޭންޑްކޮށް ލޯގޯއާއި ޔުނީފޯމް ދައްކާލައިފި


  • އައު ލޯގޯއިން ދައްކައިދެނީ 3 ކުލައެއް

  • އަމާޒަކީ އެއަރލައިންގެ ޚިދުމަތް ފުޅާކުރުން

ސައުދީ އަރަބިއަން އެއަރލައިން، ސައުދިއާ ރީބްރޭންޑްކޮށް އައު ލޯގޯއާއި ޔުނީފޯމް ދައްކާލައިފިއެވެ. މިކަމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

ސައުދިއާއިން ބުނީ އެއަރލައިން ރީބްރޭންޑް ކުރުމާއިއެކު މުޅިން އައު މިސްރާބަކަށް އެއަރލައިން ގެންގޮސްދޭނެކަމަށެވެ. އެއަރލައިން ރީބްރޭންޑްކޮށްފައިވަނީ 2030 ވަނަ އަހަރާއި ހަމައަށް ދާންވާއިރަށް އެއެއަރލައިންގެ ފްލީޓް އިތުރުކޮށް، މުޅި ދުނިޔެއާއި ސައުދީ އަރަބިއްޔާއާއި ގުޅުވާލުމަށެވެ.

ސައުދީ އެއަރލައިންގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް އެ ޤައުމަށް އަހަރަކު 330 މިލިއަން މީހުން ގެނައުންކަމަށް ވަނީ ބުނެފައެވެ.

ސައުދިއާގެ އައު ލޯގޯއާއި ޔުނީފޯމްގައި ހިމެނެނީ 3 ކުލައެކެވެ. އެއީ ފެހި، ނޫ އަދި ވެލީގައި ހުންނަފަދަ މަޑު މުށި ކުލައެކެވެ. ފެހި ކުލައިން ރަމްޒުކޮށްދެނީ އެ ޤައުމުގެ ޤައުމިއްޔަތެވެ. މިކުލައިން ސައުދީގެ ގައުމީ ދިދައާއި، ކަދުރު ރުއްތަކާއި، އެ ޤައުމުގެ ސަޤާފަތާއި، މެހްމާންދާރީ ރަމްޒުކޮށްދެއެވެ.

ނޫކުލައިން ރަމްޒުކޮށްދެނީ އެއަރލައިންގެ ކުރިމަގާއި މުސްތަޤްބަލެވެ. އަދި މިކުލައިން އުޑާއި ކަނޑު ރަމްޒުކޮށްދެއެވެ. މާނައަކީ މި ނޫކަނޑުތަކާއި ނޫ އުޑު ހުރަސްކޮށް 2030 ވަނަ އަހަރު އަންނަން ވާއިރަށް އެއެއަރލައިނުން ސައުދީ އަރަބިއްޔާއާއި މުޅި ދުނިޔެ ގުޅުވާލަން ބޭނުންވާކަމެވެ.

ވެލީގެ ކުލައިން ރަމްޒުކޮށްދެނީ އެ ޤައުމުގެ މުއްސަނދި ހެރިޓޭޖްއެވެ. މި ކުލައިން އެންމެ ބޮޑަށް ރަމްޒުކޮށްދެނީ އެ ޤައުމުގެ ސަހަރާތަކާއި ވާދީތަކެވެ. އަދި އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް އެއެއަރލައިނުން ކުރާނެ މަސައްކަތްތަކެވެ.

ސައުދިއާއިން ބުނީ އެއެއަރލައިން ރީބްރޭންޑިންއާއިއެކު ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަވެގެންދާނެކަމަށެވެ.