ޚަބަރު

ޓްރާންސިޝަން ޕީރިއަޑުގައި، މުއައްސަސާތަކުގެ އެއްބާރުލުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފި


  • މުއައްސަސަތަކާއި، ސަރުކާރުން ޒިންމާދާރުކަމާއެކީ ލިޔެކިޔުންތައް ހިއްސާ ކުރެއްވުމަށް އެދިވަޑައިގެންނެވި

  • ޓްރާންސިޝަނަލް ޕީރިއެޑުގައި މަޖިލީހުގެ އެއްބާރުލުންވެސް ބޭނުންވާނެ ކަމަށް ވިދާޅުވި

އައު ރައީސަކު އިންތިޚާބުވުމާއިއެކު، ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް އުފައްދާފައިވާ، ޓްރާންސިޝަން ކޮމެޓީއަށް ސަރުކާރުގެ މުޢައްސަސާތަކާއި، ކުންފުނިތަކުގެ ފަރާތުން އެއްބާރުލުން ދެއްވުމަށް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.

އަލަށް ރައީސަކު އިންތިޚާބުވުމާއިއެކު، ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރުމަށް ޤާނޫނީ ގޮތުން ޓްރާންސިޝަނަލް ކޮމިޓީއެއް އުފައްދަންޖެހެއެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، މުޢައްސަސާތަކަށް، ޓްރާންސިޝަނަލް ކޮމެޓީގެ ފަރާތުން ޒިޔާރަތްކޮށް، މަޢުލޫމާތު އެއް ކުރާނެއެވެ.

ޑރ. މުޢިއްޒުވަނީ ޓްރާންސިޝަނަލް ކޮމެޓީގެ ފަރާތުން މަޢުލޫމާތު ހޯދުމަށް ދިއުމުން، ޒިންމާދާރުކަމާއެކީ، ހުރިހާ ލިޔެކިޔުމެއް ވެސް، ސިއްރުނުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް، އެދިވަޑައިގަންނަވާފައެވެ. އަދި އެކަމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުގެ ފަރާތުން ދެއްވާފައިވާކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"މި ޓްރާންސިޝަން ޕީރިއެޑުގައި އެކި އޮފީސްތަކަށް އަޅުގަނޑުމެންގެ ޓީމުތައް ގޮސް މަޢުލޫމާތު ހޯދާނެ. ދެން އަޅުގަނޑު އެދެން، ޒިންމާދާރުކަމާއިއެކީގައި ސަރުކާރުން އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވަން. ދެން އަޅުގަނޑު ޔަޤީން ކުރަން އެކަން ކުރައްވާނެ ކަންވެސް. އެއްވެސް އެގްރިމެންޓެއް ނުފޮރުވާނެކަމަށް ޔަޤީން ކުރަން." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރަށް، މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުންވެސް، އެމަނިކުފާނަށް އެއްބާރުލުން ދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތުން، މަޖިލީހުގައި ވެސް ތިއްބެވީ ޑިމޮކްރަސީގެ ދަށުން ހޮވިފައި ތިއްބެވި މެންބަރުންތަކެއްކަން ފާހަގަކުރައްވަމުން، މުޢިއްޒު ވިދާޅުވީ މަޖިލީހުގެ އެއްބާރުލުން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

ވެރިކަން ބަދަލުވުމާއިއެކު، އައު ވެރިކަމަށް ސަރުކާރުގެ ބާރުތައް ބަދަލުކުރުމަށް އުފައްދަވާފައިވާ ޓްރާސިޝަނަލް ކޮމެޓީގެ އެންމެ އިސް ފަރާތަކަށް، ޑރ.މުޢިއްޒުގެ ފަރާތުން ހަމަޖައްސަވާފައިވަނީ، ޕީޕީއެމް/ޕީއެންސީގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަޙީމް ޢަބްދުﷲ އެވެ. އެކޮމެޓީގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރެވެ. ކޮމެޓީގެ މަސައްކަތްތައް ވިލަރެސްކުރައްވާ ބޭފުޅަކަށް ހަމަޖައްސަވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.