ޚަބަރު

ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު މިފެށޭ އަހަރު ނިމުމުގެ ކުރިން ނިންމާނަން: އިންތިޚާބީ ރައީސް


  • 65000 ރައްޔިތުންނަށް މި5 އަހަރުތެރޭ ގެދޮރުވެރިކަން ޔަޤީންކޮށްދެއްވާނެ ކަމަށް ވިދާޅުވި

  • ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނީ އެރަށެއްގެ ނިސްބަތުން ކަމަށް ވިދާޅުވި

  • ހުރިހާ މަސައްކަތެއް ކުރެއްވުމަށް އެކުލަވާލައްވާނީ ހީވާގި ޓީމެއް ކަމަށް ވިދާޅުވި

ގެދޮރޮވެރިކަން ޔަޤީންކޮށް ދެއްވުމަށް ހިންގަވާ ބިޔަ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މިފެށޭ އަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމަދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުވެވަޑައިގަތުމުން ރައްޔިތުންނަށް ޝުކުރުއަދާކުރައްވާ ރައްޔިތުންނާ މުޚާޠަބު ކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިންގައި ވެޑައިގެންނެވި އެންމެބޮޑު އެންމެ އިސް ވަޢުދުފުޅަކީ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަޤީންކޮށްދެއްވުން ކަމަށާއި މިފަސް އަހަރުތެރޭގައި މިވަޢުދު ފުއްދަވާދެއްވާނެ ކަމަށެވެ. އެގޮތުން ގެދޮރުވެރިކަން ޔަޤީންކޮށް ދެއްވުމަށް ހިންގަވާ ބިޔަ މަޝްރޫޢުގެ ބިންހިއްކުމުގެ މަސައްކަތް މިފެށޭ އަހަރު ނިމުމުގެ ކުރިން ނިންމަދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދުން ފުށިދިއްގަރު ފަޅާއި، ގުޅީފަޅާއި ގިރާވަރު ފަޅުން 65000 ރައްޔިތުންނަށް މި5 އަހަރުތެރޭ ގެދޮރުވެރިކަން ޔަޤީންކޮށްދެއްވާނެ ކަމަށެވެ. ޑރ.މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަމުގެ ހަމަހަމަކަން އޮންނާނެ ކަމަށާއި، އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމަށެވެ.

އިންތިޚާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވީ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައްވެސް ކުރިއަށް ގެންދަވަނީ އާބާދީގެ ގޮތުން ބޮޑެތި ރަށްރަށަށް ބޮޑެތި މަޝްރޫޢުތައް، ކުދި އާބާދީ ހުރި ރަށްރަށަށް އެރަށެއްގެ ނިސްބަތުން ކަމަށެވެ. އަދި މިކަންކަން ކުރެއްވުމަށް އެކުލަވާލައްވާނީ ހީވާގި ޓީމެއް ކަމަށް ވިދާޅުވިއެވެ.

" މިހުރިހާ މަސައްކަތެއް ކުރަން އަޅުގަނޑުމެން އެކުލަވާލާނީ ހީވާގި ޓީމެއް. ކެބިނެޓްގައި ތިއްބަވާނީ މަސައްކަތް ކުރެވޭވަރުގެ ހީވާގިބޭފުޅުން. ތަޢުލީމް ލިބިފައިވާ ބޭފުޅުން. ތަޖްރިބާ ލިބިފައިވާ ބޭފުޅުން، ރެއާ ދުވާލު މަސައްކަތް ކުރައްވާނެ ބޭފުޅުން". އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒުވަނީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވަޢުދުތައް ތަކުރާރުކުރައްވައި މިވަޢުދުތައް މި 5 އަހަރުތެރޭ ފުއްދަވާދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިވަޢުދުތައް އަޑު އައްސަވައި ރައްޔިތުން ވޯޓުދެއްވީތީ އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ޚިޔާލު ތަފާތުވެ ވޯޓުނުދެއްވާ ބޭފުޅުންވެސް މިޝުކުރުގައި ހިމަނުއްވަމުން އެމަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވާނީ އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވައި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ކަމަށެވެ.