ޚަބަރު

ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރު 11ގައި ސަރުކާރު ބަދަލުވާނެ: ރައީސް


  • ހެޔޮ ވެރިކަމެއް ކޮށްދެވުނުކަމުގެ އިހްސާސް ކުރެއްވޭކަމަށް

  • ރަނގަޅު ބަދަލެއް ގެންނެވުނުކަމަށް ވިދާޅުވި

  • ކާމިޔާބީތަކުގެ ބައެއް ތަފްސީލް ދެއްވި

ގާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރު މަހުގެ 11 ވަނަދުވަހު އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ކަންކަން ހަމަޖައްސަވާނެކަމަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ނޮވެމްބަރު 11 އަކީ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސްކަމަށާއި، އެކަމުގައި ޤާނޫނީ ހުރަހެއް ނެތްނަމަ އެ ދުވަހު ސަރުކާރު ބަދަލުވާނެކަމަށެވެ. ސަރުކާރު ބަދަލުވާނެ ދުވަހަކީ ނޮވެމްބަރު 11 ވަނަ ދުވަސްކަމަށް އޮތުން އެއީ އެމަނިކުފާނު އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ގޮތްކަމަށާއި، އެގޮތަށް އެކަން ކުރެވޭތޯ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ނޮވެމްބަރު 11 އަކީ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސް. އެގޮތަށް އެކަން ކުރުމަށް އަޅުގަނޑު މަސައްކަތްކުރާނެ ވާހަކަ އަޅުގަނޑުވާނީ ދަންނަވާފައި. އޭގެ މަސައްކަތް ޤާނޫނީ ގޮތުން ހުރަހެއް ނެތްކަމުގައި ވާނަމަ ނޮވެމްބަރު 11ގައި ސަރުކާރު ބަދަލުވެގެންދާނެ، ޤާނޫނީ ހުރަހެއް އޮތްތޯ ނެތްތޯ ބަދަލުމުން މިދަނީ." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރުކަމަށެވެ. 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު 17ގައެވެ. އެއަށްފަހު އެމަނިކުފާނު ވިދާޅުވީ، ދައުރު ހަމަވެ ސަރުކާރު ބަދަލުވާނެ ދުވަހަކީ ނޮވެމްބަރު 11 ވަނަ ދުވަސްކަމުގައި ހަމަޖައްސަވާނެކަމަށެވެ. ރައީސް ވިދާޅުވީ، މިއަދުވެސް އެމަނިކުފާނު ދެމިހުންނެވީ އެގޮތުގައިކަމަށެވެ.

ވެރިކަމުގެ ދައުރުގައި ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެވުނުކަމާއި، ހެޔޮވެރިކަމެއް ކުރެވިއްޖެކަމުގެ އުފާ އިޙްސާސް ކުރެއްވޭކަމަށެވެ. ރައީސް ވަނީ ކެބިނެޓާއި ރައީސް އޮފީހުގެ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދެއްވި މެންބަރުންނާއި ސަރުކާރު އޮފިސްތަކާއި ކުންފުނިތަކާއި މީޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ތަފާތު ފިކުރުގެ މީހުންނާއެކުވެސް މަސައްކަތް ކުރެއްވުމަކީވެސް ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. ސަރުކާރުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވީ ހިލޭ ޑިގްރީއަށް ކިޔެވޭނެ އިންތިޒާމާއި، ތަޢުލީމީ ދާއިރާއަށް ގެނެވުނު ހެޔޮ ބަދަލުތކެވެ. މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ އެތައް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށާއި، ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކަކީވެސް ކާމިޔާބު މަސައްކަތުގެ ލިސްޓުގައި ހިމެނޭކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެކަންކަމަށް ޖަޖުކުރާނީ ރައްޔިތުން. އަޅުގަނޑަށް ފެނޭ މީގެ ދުވަސްކޮޅެއް ފަހުން ރައްޔިތުން އެވާހަކަ ދައްކާނެކަން." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ 5 އަހަރުގެ ތެރެއިން 2 އަހަރު ހޭދަކުރަންޖެހުނީ ކޯވިޑްގެ ބަލިމަޑުކަމުގައެވެ. އެހެންނަމަވެސް ރައްޔިތުންނަށް ތަކުލީފެއް ނުދީ ސަރުކާރުން ގެންދެވީ ދެވެން ހުރި ލުއިތައްދެއްވާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް އެލަވަންސެއް ދެއްވުމާއި ހުއްޓެމުން ދިޔަ ވިޔަފާރިތައް ކޮޅަށް ޖެހުމަށް ދިން ވިޔަފާރީގެ ލޯންތައް ހިމެނެއެވެ.

ކޯވިޑްގެ ބަލިމަޑުކަމާއެކު ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖައްސަވާ، ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ރައީސް ޞާލިޙު ވަނީ ހިންގަވާފައެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

ޚާއްސަކޮށް އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނެވި ހެޔޮ ބަދަލާއި، މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ހިންގަވާ މަޝްރޫޢަކީ މި ސަރުކާރުގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތާއި މަތީތަޢުލީމުގެ ގިނަ ފުރުޞަތުތަކާއި، ސްކޯލާޝޮޕްގެ ގިނަ ފުރުޞަތުތަކަކީވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފަހަގަކޮށްލެވޭ ކާމިޔާބު މަސައްކަތްތަކެކެވެ.