މިރޭ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
މިރޭ އިރާކޮޅުން ފަށައިގެން މާލެއަށް ދަނީ ހުއްޓާނުލާ ބޯކޮށް ވާރޭވެހެމުންނެވެ. މޫސުމާއި ބެހޭ ޤައުމީީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިދިޔަ 2 ގަޑިއިރު ތެރޭގައި 53.7 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާކަމަށް ރެކޯޑްކޮށްފައިވާކަމަށެވެ. މެޓުން ވިދާޅުވީ މިރޭ ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހިފާކަމަށް ރެކޯށްކުރެވިފައިވަނީވެސް މާލެއަށްކަމަށެވެ.
މާލޭގެ މަޖީދީމަގު، އަމީނީ މަގު އަދި ބޭރު މަގާއި ގިނަ ގޯޅިތަކެއްގައިވެސް ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. އެގޮތުން ބައެއް ހިސާބުތަކުގައި ބައި ފޫޓަށްވުރެ ބޮޑަށް ފެން ބޮޑުވެފައިވެއެވެ.
މިއީ މޫސުމީ ވިއްސާރަކަމަށް މެޓުން ވިދާޅުވެއެވެ. މެޓުން ވިދާޅުވީ މެދުރާޖެއާއި އުތުރަށް ވައިވެސް ގަދަކަމަށެވެ. މިއާއެކު މި ހަފްތާގައި މި ސަރަޙައްދުތަކަށް ކަނޑުވެސް ގަދަވާނެކަމަށެވެ.
މެޓުން ވިދާޅުވީ މެދުރާއްޖެތެރޭގެ އެހެން އަތޮޅުތަކާއި ރާއްޖޭގެ އުތުރަށްވެސް މޫސުން ގޯސްކަމަށެވެ. ދެކުނަށްވެސް ކޮންމެވެސްވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ. އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ޚާއްސަކޮށް ބުދަ، ބުރާސްފަތީގައި ވަރަށް ބޮޑަށް މޫސުން ގޯވެދާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ވަނީ މަޢުލޫމާތުދެއްވާފައެވެ.