ޚަބަރު

ތަފާސްހިސާބު ދުވަހާއި ގުޅިގެން ފައިސާ ލިބޭ ކުއިޒެއް


  • ކުއިޒް އޮންނާނީ މިމަހު 1 އިން 20 ގެ ނިޔަލަށް

  • ވަނަ ވަނައަށް ވަނީ ފައިސާގެ އިނާމް ކަނޑައަޅާފަ

  • ތަފާސް ހިސާބު ދުވަހަކީ އޮކްޓޫބަރު 20

ޤައުމީ ތަފާސްހިސާބާއި ބެހޭ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޚާއްސަ ކުއިޒެއް ތަޢާރަފްކޮށްފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އިންތިޒާމްކުރާ ކުއިޒުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 1 އިން ފެށިގެން 20ގެ ނިޔަލަށް އޮންނާނެކަމަށް އެބިއުރޯއިން ވިދާޅުވެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ.

މިކުއިޒަކީ ރާއްޖޭގައި ފާހަގަކުރާ ޤައުމީ ތަފާސްހިސާބާއި ބެހޭ ދުވަހާއި ގުޅުވައިގެން އިންތިޒާމްކުރާ ކުއިޒެކެވެ. ކުއިޒްގައި ހުރި ސުވާލުތަކަށް ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން 1 ވަނަ އަދާ މީހަކަށް 3000 ރުފިޔާ، 2 ވަނަ 2000 ރުފިޔާ އަދި 3 ވަނައަށް 1000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. ކުއިޒްގެ ނަތީޖާ ފާޅުކޮށް ވަނަ ވަނައަށް ދާމީހުން ހޮވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައިކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.

ޤައުމީ ތަފާސް ހިސާބާއި ބެހޭ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހެވެ. އެދުވަހަކީ ތަފާސްހިސާބާއި ބެހޭ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިގޮތަށް ކަނޑައެޅުއްވީ ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއަޅާ އެދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްސަދުގައެވެ. ހަމައެއާއެކު ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކޮށް ތަފާސްހިސާބުން ފެންނަ ޙަގީގަތުގެ މައްޗަށް ޤައުމީ އަދި ރަށުފެންވަރުގައި ނިންމުންތައް ނިންމުމަށް ބާރުއެޅުމުގެ ގޮތުންނެވެ.