ޚަބަރު

ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކުރައްވައިފި


  • ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ މިއަދު ހަވީރުގެ ވަގުތެއްގައި

  • ގިނަ ޢަދަދެއްގެ ސަޕޯޓަރުން ވަނީ ގެކޮޅު ކައިރިއަށް ޖަމާވެފައި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރައްވައިފިއެވެ.

އެމަނިކުފާނު ގެއަށް ބަދަލުކުރައްވާފައި މިވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބަށްފަހު އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައިވަނިކޮށެވެ.

އެއަށްފަހު އިންތިޚާބީ ރައީސާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާ ބޭއްވެވި ބައްދަލުވުމުގައިވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރެއްވުމާއި ގުޅިގެން، އެކަމުގެ އުފާފާޅުކޮށް، އެމަނިކުފާނަށް މަރުޙަބާ ކިޔުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހި ހިމެނޭ ސަރަޙައްދަށް ވަނީ ޖަމާވެފައެވެ.

ރައީސް ޔާމީން ގެކޮޅަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް އެ ސަރަޙައްދުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ޕީޕީއެމް ޕީއެންސީ ސެނެޓް މެމްބަރުންނާއި، ކޯލިޝަން ލިޑަރޝިޕްގެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ.