ޚަބަރު

ޑރ. މުޢިއްޒަށް ޗައިނާއިންވެސް ހޫނު މަރުޙަބާއެއް


  • ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ %54.04 ވޯޓާއެކު

  • އިންތިޚާބީ ރައީސަށް ޗައިނާއިން ތަހުނިޔާ ވިދާޅުވި

  • ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެއް

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޗައިނާއިންވެސް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން %54.04 ވޯޓާއެކު އިންތިޚާބު ކާމިޔާބުކުރެއްވީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. ރާއްޖޭގެ 2 އަތޮޅު ފިޔަވާ އެހެން ހުރިހާ އަތޮޅަކުން އަޣުލަބިއްޔަތު ނަންގަވާފައިވަނީ ޑރ. މުޢިއްޒެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑރ. މުޙައްމަދު މުޢިއްޒަށް ޗައިނާއިންވެސް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާން ލިޖިން ވަނީ ޑރ. މުޢިއްޒަށް ތަހުނިޔާ ވިދާޅުވެ ޓުވީޓްކުރައްވާފައެވެ.

ޗައިނާއަކީ ރާއްޖޭގެ ޢުމްރާނީ، އިޤްތިޞާދީ، އަދި އިޖްތިމާޢީ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. މި ދާއިރާތަކުން ޗައިނާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.