ޚަބަރު

ރާއްޖޭގައި ބިދޭސީންނާއިމެދު ކުރާ ތަފާތުކުރުންތައް ގިނަ


ރާއްޖޭގައި ދިރިއުޅޭ އެހެން ނަސްލުތަކުގެ މީހުންނާ މެދު ތަފާތުކޮށް، އެ މީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުރާ ކަންތައްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން- އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤުވާމީ ނަސްލީ ތަފާތުކުރުން ނައްތާލަން މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން އެޗްއާރުސީއެމުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ބިދޭސީންނާމެދު އިހާނެތި ޢަމަލު ހިންގާ މަންޒަރު ރާއްޖޭގެ މުޖްތަމަޢުން ފެންނަމުންދާ ކަމަށެވެ. އެފަދަ ޢަމަލުތަކުގެ ތެރޭގައި އޮޅުވާލައިގެން މަސައްކަތް ކުރުވުމާއި، މުސާރަނުދިނުމާއި، ޕާސްޕޯޓްފަދަ ލިޔެކިއުންތައް ހިފެހެއްޓުން ހިމެނޭކަމަށް އެ ބަޔާނުގައިވެއެވެ. އަދި މުޖްތަމަޢުގެ ތެރޭގައި ބިދޭސީންނަކީ ދަށްބައެއްގެ ގޮތުގައި ޤަބޫލުކުރާކަމަށާއި، އިންސާނުން ދިރިއުޅެން އެކަށީގެން ނުވާފަދަ ޙާލަތްތަކުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭކަން ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ބިދޭސީ މަސައްކަތްތެރިން ގިނަ ޢަދަދަކަށް ހުށައެޅިގެންދާ ދިއުމަކީ ޤައުމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގައި ހިންގާ ނަސްލީ ތަފާތުކުރުމުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ހިއުމަން ޓްރެފިކިންގ ހުއްޓުވުމުގެ ޤާނޫނު އޭގެ އެންމެ ފުރިހަމަ މާނާގައި ތަންފީޒުކުރުމަށް ދައުލަތުގެ އެންމެހާ މުވައްޒަފުންނަށް އެޗްއާރްސީއެމުން ވަނީ  ގޮވާލައްވާފައެވެ. އަދި އެއްވެސް ފަރާތަކަށް ރައްދުވާގޮތަށް ދަށުދަރަޖައިގެ ބަސްތައް ބޭނުން ނުކުރުމަށާއި، އިހާނެތި ޢަމަލުތައް ނުހިންގުމަށާއި، ދިވެހި މުޖްތަމަޢަކީ އެންމެންނަށްވެސް އިޙްތިރާމްކޮށް، ގަދަރުކުރާ މުޖްތަމަޢުއަކަށް ހެދުމަށް މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައިވެއެވެ.