ޚަބަރު

މެންބަރު ޝަރީފާއި، ނިހާދަށް ދިން ޙަމަލާ އެޗްއާރުސީއެމްއިން ކުށްވެރިކޮށްފި


  • މެންބަރު ޝަރީފާއި، ނިހާދަށް ބަޔަކު ހަމަލާދިނުމުން އެކަން އެޗްއާރުސީއެމްއިން ކުށްވެރިކޮށްފި

  • އިންތިޚާބައި ގުޅިގެން ދެބަސްވި ނަމަވެސް، ޖިސްމާނީ އަބުރަށް އަރައިނުގަންނަވާ

  • ފުލުހުން ގެންދަވަނީ މި ދެ މެންބަރުންނަށް ހަމަލާދިނުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް، ބަޔަކު ހަމަލާދިނުމުން އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރު.ސީ.އެމްއިން ކުށްވެރިކޮށްފިއެވެ.

އެޗް.އާރު.ސީ.އެމް އިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނަށް ހަމަލާދިނުމާއި، މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށްވެސް އެކިވަރުގެ ހަމަލާ ދީފައިވާކަން ފާހަގަކުރައްވާ މިކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ އެޗް.އާރު.ސީ.އެމްއިން ކަންބޮޑުވާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރަށް، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް، ކަމާބެހޭ ފަރާތްތަކުން ވީހާވެސް އަވަހަކަށް ތަޙްޤީޤުކޮށް، ފިޔަވަޅުއެޅުމަށް އެޗް.އާރު.ސީ.އެމްއިން ވަނީ ގޮވާލައްވާފައެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ، މި ހަމަލާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން، ފުލުހުންގެ އިދާރާއިން ބައްލަވަމުން ގެންދަވާކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ގަދަވެ، ގޭންގުތަކުގެ ހަރަކާތްތައް މިއަދު މާލެތެރޭގައި އިތުރުވަމުންދާތީ، ފުލުހުންގެ ސަލާމަތީ ކަންކަން އިތުރަށް ވަނީ ވަރުގަދަވެސް ކޮށްފައެވެ.