ޚަބަރު

ރާއްޖެއިން އދ. އާއިއެކު ޖޮއިންޓް ވާރކް ޕްލޭނެއްގައި ސޮއިކޮށްފި


ކުރިއަށްއޮތް ދެއަހަރު މޫސުމަށް އަންނަ ބަދަލުތަކާބެހޭ ޖޮއިންޓް ވާރކް ޕްލޭންގައި އދ. އާއެކު ރާއްޖެއިން ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއެކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖެ ލޯ ކާބަން ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ވެވުނު އެއްބަސްވުމެއްކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީއާއި ގުޅިގެން ހޫނު މޫސުމުގައި ރާއްޖޭގެ ފެނަށް ޖެހޭ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދަވާ 23 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓްވެސް ކުރިއަށްގެންދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އދގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ ވިދާޅުވީ މި އެއްބަސްވުމަކީ މިފަދަ އެންމެ ބޮޑު އަދި އެންމެ ފަހުގެ އެއްބަސްވުން ކަމުގައެވެ.

މި ޖޮއިންޓް ޕްލޭންގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން  ކާބަން މަދު އިޤްތިޞާދެއް ބިނާކުރުމާއި، ތިމާވެށި ރައްކާތެރިކުރުމުގައި އދގެ ދައުރު ފުޅާކުރުމެވެ. މި ވޯކް ޕްލޭންގެ ބަޖެޓަކީ 13.6 މިލިއަން ޑޮލަރެވެ.

އެންވަޔަރުމަންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރުމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމެވެ. އަދި އދ.ގެ ފަރާރުން ސޮއިކުރެއްވީ އދ.ގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާއެވެ.