ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލެއްވުމަށްފަހު މީޑިއާތަކާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. ރައީސް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އެންމެ ބޮޑަށް ގުޅިފައިވަނީ ވޯޓުލާން ނިކުންނަ މީހުންގެ އިންސައްތައަށް ކަމަށެވެ.
މިހާތަނަށް ވޯޓުލާފައިވާ މީހުންގެ ނިސްބަތާއިމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ވޯޓުލާ ޕަސެންޓޭޖް 87 އަށް އެރުވުމަކީ އެންމެބޮޑު އުންމީދު ކަމަށާއި، ނަމަވެސް 86 ޕަސެންޓް މީހުން ވޯޓުލީ ނަމަވެސް އިންތިޚާބު ކާމިޔާބުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަށް އެކި ތުހުމަތު ސޯޝަލް މީޑިއާގައި ކުރަމުންދިޔަ ނަމަވެސް ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ނުކުރާނެކަމަށެވެ. އަދި އިންތިޚާބާއި ގުޅުންހުރި އެންމެހާ ކަންކަން އެމްޑީޕީން ކުރިއަށް ގެންދާނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ ދިޔަ 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖެހިއިރު ވަނީ ވޯޓުލުން ފަށާފައެވެ.