ޗައިނާގެ ހަންގްޖޯގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގެ ކްރިކެޓް އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުން މޮންގޯލިއާ އަތުން ފަސޭހަކަމާއެކު ރާއްޖެ މޮޅުވެއްޖެއެވެ.
ޕްރިލިމިނަރީ ބުރުގެ ގްރޫޕް އޭގައި މިއަދު ކުޅުނު މެޗުން ރާއްޖެ މޮޅުވީ ނުވަ ވިކެޓުންނެވެ. މިއީ އޭޝިއަން ގޭމްސްގެ ތާރީޚުގައި ރާއްޖޭގެ ކްރިކެޓް ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ.
މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ރާއްޖެއިން ނިންމީ ހޮވުމަށެވެ. އެއާއެކު މޮންގޯލިއާ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 60 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 15 ލަނޑު ހެދި ދަވާސުރެން ޖަމްޔަންސުރެންއެވެ. މި އިނިންގްސްގައި ރާއްޖޭގެ އާޒިން މުޙައްމަދު ރަފީގު ވަނީ ތިން ވިކެޓް ނަގާފައެވެ.
ޖަވާބުގައި ރާއްޖެ ކުޅެން އަރައި 6.4 ވަނަ އޯވަރުގައި ވަނީ އެންމެ ކުޅުންތެރިއެއް ނުބައިވެގެން 62 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 16 ބޯޅައިން 24 ލަނޑު ހެދި އާޒިން އާއި ނުބައިނުވެ 14 ބޯޅައިން 21 ލަނޑު އެއްކުރި ޓީމުގެ ކެޕްޓަން ހަސަން ހާޒިގް ރަޝީދެވެ.
ޕްރިލިމިނަރީ ބުރުގެ ގްރޫޕް އޭގައި ހިމެނެނީ ރާއްޖެ އާއި މޮންގޯލިއާގެ އިތުރުން ނޭޕާލެވެ. މި މުބާރާތުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މީގެ ކުރިން ނޭޕާލުން ވަނީ 273 ލަނޑުން މޮންގޯލިއާ ބަލިކޮށްފައެވެ.