ޗައިނާގެ ހަންގްޖޯގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ޓީމު އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އަންހެން ޓީމު ޖާގަ ހޯދައިފިއެވެ.
މިއަދު ފެށި ބެޑްމިންޓަން އިވެންޓުގެ ގަދަ 16 ބުރުގައި ރާއްޖޭގެ އަންހެން ޓީމު ވާދަކޮށްފައިވަނީ ނޭޕާލާއެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-1 އިންނެވެ.
މި މެޗުގެ ފުރަތަމަ ޓައިގައި ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ނުކުތީ ނޭޕާލުގެ ރަޝީލާ މަހަރްޖަންއާ ދެކޮޅަށެވެ. މި މެޗުގެ ނަބާހާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 24-22 އިން ނަބާހާ ކާމިޔާބުކުރި ނަމަވެސް، މަހަރްޖަން ވަނީ ދެވަނަ ސެޓު 19-21 އިން ގެންގޮސްފައެވެ. އެކަމަކު ނަބާ ވަނީ ފަހު ސެޓު 21-13 އިން ކާމިޔާބުކޮށްފައެވެ.
މި މެޗުގެ ދެވަނަ ޓައިގައި ރާއްޖޭގެ އާމިނަތު ނަބީހާ (ނަބީ) ވާދަކުރިއިރު، އޭނާ ވަނީ ނޭޕާލުގެ ނަންގްސަލް ތަމަންގް އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ނަބީ ގެންދިޔައީ 21-16 އަދި 21-10 އިންނެވެ.
އެކަމަކު ތިންވަނަ ޓައިގައި ރާއްޖޭގެ އައިޝަތު އަފްނާން ރަޝީދު ވަނީ ނޭޕާލުގެ އަނޫ މާޔާ ރާއި އަތުން ސީދާ ދެ ގޭމުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ރާއި ގެންދިޔައީ 9-21 އަދި 11-21 އިންނެވެ.
އެހެން ނަމަވެސް ނަބީ އާއި ނަބާ ވާދަކުރި ޑަބަލްސް ޓައިގެ ފުރަތަަމަ މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް، ރާއްޖެ ވަނީ މެޗުން މޮޅުވެފައެވެ. ނޭޕާލުގެ މަހަރްޖަން އާއި ރާއިއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ނަބީ އާއި ނަބާ ގެންދިޔައީ 21-13 އަދި 21-19 އިންނެވެ.
މި މޮޅާއެކު ކުއާޓާ ފައިނަލަށް ރާއްޖެ ދަތުރުކުރިއިރު، 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ކުއާޓާ ފައިނަލުންވެސް އަންހެން ޓީމު ޖާގަ ހޯދާފައިވަނީ ނޭޕާލް ބަލިކޮށްގެންނެވެ. އެ ފަހަރު ރާއްޖެއިން މެޗު ކާމިޔާބުކުރީ 3-2 އިންނެވެ.
މީގެ އިތުރުން ބެޑްމިންޓަން ޓީމު އިވެންޓުގެ ގަދަ 16 ބުރުގައި ރާއްޖޭގެ ފިރިހެން ޓީމު ވަނީ މިއަދު ޗައިނީސް ޓައިޕޭ އަތުން 3-0 އިން ބަލިވެފައެވެ.
މި މެޗުގެ ފުރަތަމަ ޓައިގައި ރާއްޖޭގެ ހުސެއިން ޒަޔާން ޝަހީދު ޒަކީ ވާދަކުރިއިރު، އޭނާ ވަނީ ސީދާ ދެ ސެޓުން ޗައިނީސް ޓައިޕޭގެ ޓިއެން-ޗެން ޗޯ އަތުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-8 އަދި 21-1 އިންނެވެ.
އަދި ދެވަނަ ޓައިގައި ރާއްޖޭގެ އަޙްމަދު ނިބާލް ވަނީ ޗައިނީސް ޓައިޕޭގެ ޒޫ-ވެއި ވޮންގް އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ވޮންގް ގެންދިޔައީ 21-7 އަދި 21-10 އިންނެވެ.
މީގެ އިތުރުން ތިންވަނަ ޓައިގައި ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދު ވާދަކުރިއިރު، މި މެޗުން އޭނާ ބަލިވީ ޗައިނީސް ޓައިޕޭގެ ޔޫ-ޖެން ޗީ އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-4 އަދި 21-5 އިންނެވެ.