ޚަބަރު

އައްޑޫގައި ޢުމުރުން ދުވަސްވީ މީހަކު ބަނދެ ފޭރިއްޖެ، އެކަކު ހައްޔަރުކޮށްފި


  • ފޭރުމުގެ މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީން މީހަކު ހައްޔަރުކޮށްފި

  • މީނާ ހައްޔަރުކުރީ، ދުވަސްވީ މީހެއްގެ ގެއަކަށް ވަދެ، އެ މީހާ ބަނދެ އެނގެއިން ފޭރުމުން

  • ހައްޔަރު ކުރީ 50 އަހަރުގެ ފިރިހެނެއް

  • ފުލުހުންދަނީ މި މައްސަލަ ތަހުގީގު ކުރަމުން

އައްޑޫ ސިޓީ މަރަދޫގައި ޢުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށްވަދެ، އެމީހާ ބަނުމަށްފަހު ފޭރުނު މައްސަލާގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫގައި ޢުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް ބަނދެ އޭނާއަށް އޭނާއަށް އަނިޔާކޮށްފައިވާކަމަށެވެ. މި މައްސަލާގައި ވަނީ މަރަދޫން 50 އަހަރުގެ މިީހަކު ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި އަނިޔާ ލިބުނު މީހާ، ޓީޝާޓެއް ބޭނުން ކޮށްގެން ބަނދެފައިވަނިކޮށް، ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި، އެމީހާގެ ހުންނަ ހަމުގެ ބައްޔެއްގެ ސަބަބުން، އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާހް ޙުސައިން ވިދާޅުވީ މި ހާދިސާ ހިނގާ ދިޔައީ ރޭ ދަންވަރު 2 ޖަހާ ކަންހާއިރު ކަމަށެވެ. އެގޮތުން އެ ޢުމުރުން ދުވަސްވީ މީހާ ދިރިއުޅޭ، ސޯސަންގޭގެ ކުޑަ ދޮރު ހަލާކު ކޮށްލުމަށްފަހު މީހަކު ވަދެ، އެ ގޭގައި ގިނިކަންޏާއި އުޅޭ 81 އަހަރުގެ ޢުމުރުން ދުވަސްވީ މީހަކު ބަނދެފައިވާކަމަށެވެ. އަދި އެ މީހާ ބަނުމަށް އުޅުމުގެ ތެރޭގައި އެ މީހާއަށް އެކިވަރުގެ އަނިޔާ ކޮށްފައިވާކަން އެނގިފައިވާކަމަށް އަފްރާހް ވިދާޅުވިއެވެ.

އަފްރާހް ވިދާޅުވީ، ޢުމުރުން ދުވަސްވީ އެމީހާ، ބަނދެފައި ހުރި ބަނުމުން ސަލާމަތްވުމަށް ކުރި މަސައްކަތުގެ ތެރެއިން މޮހެވި، ގާތްގަނޑަކަށް ހެނދު 6 ޖެހި ފަހުން މަގުމައްޗަށް ނިކުމެ، މަގުމަތިން ދިމާވި މީހެއްގެ އެހީތެރިކަމާއިއެކު، މައްސަލަ، ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށެވެ. އަދި ފުލުހުންނަށް އެ މަޢުލޫމާތު ލިބުމާއެކު، ފުލުހުން އެގެއަށް ގޮސް، އެ ސަރަހައްދުން، ތަހުގީގަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް، އަނިޔާވި ހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އަފްރާހް ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ހޯދުނު މަޢުލޫމާތުގެ މައްޗަށް ދަންނަވާކަމުގައި ވާނަމަ، ރޭގައި ގާތްގަނޑަކަށް ދަންވަރު 2 ޖަހާ ކަންހާއިރު، ސ. މަރަދޫ ސޯސަންވިލާގެއަށް މީހަކު ވަނީ، އެގޭ ކުޑަ ދޮރު ހަލާކު ކޮށްފައި. (އެ ގެއަށް) ވަދެ، އެ ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފިރިހެނަކަށް އަނިޔާ ކޮށްފައި، ބަދެފައި ބަހައްޓާފައި ފޭރިފައިވަނީ". އަފްރާހް ވިދާޅުވިއެވެ.

އަފްރާޙް ވިދާޅުވީ އަނިޔާވި މީހާގެ ހާލު ރަނގަޅުކަމަށާއި އޭނާ މިއަދު މެންދުރުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.