ޚަބަރު

އެމްޑީއޭގެ ނިންމުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މަރުޚަބާ ކިޔައިފި


  • އެމްޑީއޭއިން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ ބައްދަލުވުމުގައި

  • ކައުންސިލްގެ 33 މެންބަރުންގެ ވޯޓު ލިބުނު

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމި ނިންމުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މަރުޚަބާ ކިޔައިފިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ނެރުނު ބަޔާނުގައި ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠިފަށް ތާއީދު ކުރައްވަން އެމްޑީއޭ އިން ނިންމެވި ނިންމެވުން އެ ކޯލިޝަންގެ އެންމެހާ މެންބަރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށެވެ. އަދި މި ނިންމެވުމާގުޅިގެން އެކޯލިޝަންގެ ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠިފާއި، ކޯލިޝަންގެ ލީޑަރޝިޕާއި ޢާންމު މެންބަރުގެ ފަރާތްޕުޅުން އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމާއި، އެމްޑީއޭގެ ލީޑަރޝިޕް އަދި ކައުންސިލާއި އެންމެހާ މެންބަރުންނަށް މަރުޙަބާ ދަންނަވަމެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ހެދި ކޯލިޝަން ރޫޅާލައި, 2 ވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާއިއެކު ކުރިއަށްދިއުމަށް އެމްޑީއޭއިން ނިންމާފައިވަނީ ރޭ ބޭއްވި އެޕާޓީގެ ކުއްލި ކައުންސިލް ބައްދަލުވުމުގައެވެ. ކައުންސިލަށް މިހުށަހެޅުން ހުށަހެޅީ މެމްބަރު މުހައްމަދު އައްބާސްއެވެ. އޭނާގެ ހުށަހެޅުން ފާސްކުރީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެމްޑީއޭއިން ބުނީ އެމްޑީޕީއާއިއެކު އެ ޕާޓީން ހަދާފައިވާ ކޯލިޝަން ރޫޅާލީ އެ ޕާޓީގެ ގިނަ އަދަދެއްގެ ކައުންސިލް މެންބަރުން އެގޮތައް ބޭނުންވާތީކަމަށެވެ. އަދި 2 ވަނަ ބުރުގައި އެމްޑީޕީގެ ކެންޕެއިން ހަރަކާތްތައް އެ ޕާޓީން ބޭނުންވާގޮތަށް ނުދިއުމަކީވެސް ކޯލިޝަން ރޫޅާލަން ނިންމި ސަބަބެއް ކަމަށް އެމްޑީއޭއިން ވަނީ ބުނެފައެވެ.