އަންނަ ބުދަ އަދި ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް، އެ ދެދުވަހުވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އައިޑންޓިޓީ ކާޑު ދޫކުރުމުގެ ޚިދުމަތް ދޭނެކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވެއްޖެއެވެ.
ޑީއެންއާރުން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ބޭނުންވާ 18 އަހަރުން މަތީގެ ދިވެހިރައްޔިތުންގެ އައިޑެންޓިޓީ ކާޑުތައް ހަވާލުކުރުމުގެ ޚިދުމަތް ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އިން ހަވީރު 16:00އާއިހަމައަށް ދޭނެކަމަށެވެ.
ބުދަ ދުވަސް ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރަސޫލާގެ ޢީދުމީލާދީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އަދި ބުރާސްފަތި ދުވަސް ބަންދުކޮށްފައިވަނީ އެދުވަހާއި ގުޅިގެންނެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ޑީއެންއާރުން މީގެ ކުރިން ވަނީ މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާ އައިޑީ ކާޑާއި އަލަށް 18 އަހަރު ފުރިގެން ހައްދާ ކާޑުތަކަށް ދުރާލާ ހެއްދުމަށްވެސް އިލްތިމަސްކުރައްވާފައެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް، ގިނަ ބަޔަކު އައިޑީ ކާޑް ހެއްދުމާއި އައު ކުރުމަށް ހުށައަޅާފައިވެއެވެ. އިންތިޚާބުގައި ވޯޓު ލުމަށް ބޭނުންކުރެވޭނީ އައި.ޑީ ކާޑާއި، ޕާސްޕޯޓް އަދި ލައިސަންސް ކާޑެވެ.