އިސްރާޢީލާ އެކު ގުޅުން ބަދަހިކުރަން މަޝްވަރާ ކުރި ނަމަވެސް، ފަލަސްޠީނުގެ މިނިވަން ކަމަށް ވަކާލާތު ކުރުން ދުވަހަކު ވެސް ހުއްޓައިނުލާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ އިސް އޮފިޝަލެއް ވިދާޅުވެއްޖެއެވެ. މި ކަން ހާމަ ކުރައްވާފައި ވަނީ، ހުޅަނގު އައްސޭރިއަށް މިހާރު ގޮސް އުޅޭ ސަޢޫދީ ޢަރަބިއްޔާގެ ވަފުދުގައި އިސްކޮށް ހުންނަވާ ނާޔިފު އަލް-ސުދައިރީއެވެ.
މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ހުޅަނގު އައްސޭރިއަށް ޒިޔާރަތް ކުރާ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލަން ޖެހެއެވެ. ޔަހޫދީ އިސްރާޢީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، މުސްލިމުން އަޅުވެތި ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ ޢަރަބި-އިސްރާޢީލް ހަނގުރާމައަށް ފަހުއެވެ. ނާޔިފަކީ ސަޢޫދީ ޢަރަބިއްޔާއިން ޢުރުދުނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބެވެ. އަދި، ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.
ހުޅަނގު އައްސޭރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނާޔިފު ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާހާ ބައްދަލު ކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ. އޭނާ ހުޅަނގު އައްސޭރިއަށް ވަޑައިގަންނަވާފައި މި ވަނީ، ޔަހޫދީ އިސްރާޢީލާ އެކު ސިޔާސީ ގުޅުން ޤާއިމު ކުރަން ސަޢޫދީ ޢަރަބިއްޔާއިން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޔަހޫދީންގެ ދަޢުލަތް ކަމުގައި އިސްރާޢީލާ އެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް މެދުއިރުމަތީގެ ޤައުމުތަކަށް ވަސްވާސް ލައިދެމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާގެ މި ނަސޭހަތް ޤަބޫލުކޮށް ޔަހޫދީ ޓެރެރިސްޓު އިސްރާޢީލާ އެކު ގުޅުން ޤާއިމު ކޮށްފައިވާ ޢަރަބި ޤައުމުތަކުގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)، ބަޙްރެއިން އަދި މަޣުރިބު ހިމެނެއެވެ.
އިސްރާޢީލާ އެކު އެ ޤައުމުތަކުން ހަދާފައިވާ އެއްބަސްވުންތަކަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހިތްތަކަށް ފައިންއެރުން ކަމުގައި ފަލަސްޠީނުން ވަނީ ސިފަކޮށްފައެވެ. އަދި، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކޮޅުފައިންޖެހުން ކަމުގައި އެ ޤައުމުން ދެކެއެވެ. ނަމަވެސް، އެއީ ކުށްހީއެއް ކަމުގައި ނާޔިފު ދެކެވަޑައިގަންނަވައެވެ.
"ފަލަސްޠީނުގެ މިނިވަން ކަމުގެ މައްސަލައަކީ އަޅުގަނޑުމެންގެ މަސައްކަތް ބިނާވެފައިވާ މައިގަނޑު އެއް އަސާސް. 2002 ވަނަ އަހަރު އިސްރާޢީލާ އެކު އެއްބަސްވުންތަކެއް އެކުލަވައިލީ ފަލަސްޠީނުގެ މިނިވަން ކަން ކަށަވަރު ކޮށްދޭން ޝަރުޠުކޮށްފައި. އެ ގޮތަށް ހުށަހެޅީ ވެސް ސަޢޫދީ ޢަރަބިއްޔާއިން،" ފަލަސްޠީނުގެ ޚާއްޞަ މަންދޫބު ރިޔާޟް އަލް-މާލިކީއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނާޔިފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ފަދައިން ބައެއް ޢަރަބި ޤައުމުތަކާއި އިސްރާޢީލާ ދެމެދު 2002 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ފަލަސްޠީނުގެ ބިންތައް ކަމުގައިވާ ހުޅަނގު އައްސޭރި، އިރުމަތީ ބައިތުލްމަޤްދިސް، ޣައްޒާ އަދި ޖޫލާންގެ އުސް ބިންތަކުން ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ފައިބާ، އެ ބިންތައް މިނިވަން ކުރަން ޖެހެއެވެ. ނަމަވެސް، ފަލަސްޠީނުގެ ރައީސް އައްބާސް ވެސް ދާދިފަހުން ވަނީ އެ އެއްބަސްވުންތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
"ފަލަސްޠީނުގެ މުސްލިމުންގެ މިނިވަން ކަން ކަށަވަރު ނުކޮށްދޭހާ ހިނދަކު، މެދުއިރުމައްޗަށް ހަމަޖެހުން ގެނެވޭނެ ކަމަށް ދެކުމަކީ ކުށްހީއެއް. މެދުއިރުމަތީގައި ސުލްޙަ ޤާއިމު ކުރެވޭނެ ކަމަށް ދެކުމަކީ އޮޅުމެއް،" އ.ދގެ ޢާންމު މަޖިލީހުގެ 78ވަނަ ޖަލްސާގައި ތަޤުރީރު ކުރައްވަމުން އައްބާސް ވިދާޅުވިއެވެ.
ޔަހުދީ އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހުޅަނގު އައްސޭރި އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އޭގެ ފަހުން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ޔަހޫދީންގެ އަޅުވެތިކަމުގެ ދަށުގައެވެ. އަދި، ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ޢަދަދު މިހާރު 490,000 އަށް އަރައެވެ.