ކުޅިވަރު

އޭޝިއަން ގޭމްސް: ފެތުމުގެ ހަތަރު ރިކޯޑެއް އައުކޮށްފި


ޗައިނާގެ ހަންގްޖޯގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން ޤައުމީ ހަތަރު ރިކޯޑެއް އައުކޮށްފިއެވެ.

އެގޮތުން ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑު މުބާލް ޢައްޒާމް އިބްރާޙީމް ވަނީ މުގުރާލާފައެވެ. މި ފަހަރުގެ ގޭމްސްގައި މުބާލް އިވެންޓް ފުރިހަމަކޮށްފައިވަނީ އެއް މިނެޓު 14.73 ސިކުންތުންނެވެ. މި ރިކޯޑު މީގެ ކުރިން ހަދާފައިވަނީ މީގެ 17 އަހަރު ކުރިން ބޭއްވި 10 ވަނަ ސައުތު އޭޝިއަން ފެޑަރޭޝަން ގޭމްސްގައި ޙަސަން އަޝްރަފެވެ. އެއީ އެއް މިނެޓު 16.33 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެ އިތުރުން ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރިކޯޑުވެސް މުބާލް ވަނީ އައުކޮށްފައެވެ. މި ރިކޯޑު މުބާލް އައުކޮށްފައިވަނީ ދެ މިނެޓު 8.22 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު އެންމެ ފަހުންވެސް އައުކޮށްފައިވަނީ މުބާލެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ދެ މިނެޓު 9.06 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެ އިތުރުން އޭޝިއަން ގޭމްސްގައި ލޯންގް ކޯސް ފިރިހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑު އިމްޢާން ޢަލީ ވަނީ އައުކޮށްފައެވެ. މި ރިކޯޑު އިމްޢާން އައުކޮށްފައިވަނީ އެއް މިނެޓު 4.64 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު އެންމެ ފަހުންވެސް އައުކޮށްފައިވަނީ އިމްޢާނެވެ. އެއީ ޖަޕާނުގެ ފުކުއޯކާގައި މި އަހަރު ބޭއްވި 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އެއް މިނެޓު 4.98 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ދެން މި ފަހަރުގެ ގޭމްސްގައި ލޯންގް ކޯސް އަންހެނުންގެ 200 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރިކޯޑު މިރާލް ޢައިން ލަޠީފް ވަނީ އައުކޮށްފައެވެ. މި ރިކޯޑު މިރާލް އައުކޮށްފައިވަނީ ތިން މިނެޓު 4.45 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު އެންމެ ފަހުންވެސް އައުކޮށްފައިވަނީ މިރާލެވެ. އެއީ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ތިން މިނެޓު 5.69 ސިކުންތުން ރޭސް ނިންމައިގެންނެވެ.