ޚަބަރު

ދެ ކެންޑިޑޭޓުންގެ ފަރާތްޕުޅުންވެސް ވޯޓާސް ލިސްޓުގައި ސޮއިކުރައްވައިފި


  • ކެންޑިޑޭޓު ކަނޑައަޅުއްވާ މަންދޫބުންނަށް ވޯޓާސް ލިސްޓުގައި ސޮއިކުރެވޭނެ

  • މިހާރު ވަނީ ވޯޓާސް ލިސްޓުގައި ސޮއިކުރައްވާ ނިންމާލައްވާފަ

  • ވޯޓު ކަރުދާސް ރަށްރަށަށް ފޮނުވަން މާދަމާ ފަށްޓަވާނެ

ސުންގަޑި ހަމަވިއިރު ދެ ކެންޑިޑޭޓުންގެ މަންދޫބުންވެސް ވޯޓަރސް ލިސްޓުގައި ސޮއިކޮށް ނިމިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓަރސް ލިސްޓުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ފަރާތްޕުޅުން ކަނޑައަޅުއްވާފައިވާ މަންދޫބުންވެސް ވަނީ ސޮއިކުރައްވާފައެވެ.

ސޮއިކުރުމަށް ދެއްވި ވަގުތު މިއަދު 16:00އަށް ވަނީ ހަމަވެފައެެވެ. ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު، ދަރުބާރުގޭގައެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރައްވާފައިވާ ވޯޓާސް ލިސްޓުގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.

ވޯޓަރސް ލިސްޓުގައި މަންދޫބުން ސޮއިކުރައްވާ ނިމިފައިވާއިރު، މާދަމާ ވޯޓު ކަރުދާސްތަށް އަތޮޅުތަކަށް ފޮނުވާލުމުގެ މަސައްކަތްތައް ފަށްޓަވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ރަށްރަށަށް ވޯޓު ކަރުދާ ފޮނުވުމުގެ މަސައްކަތްތައް މާދަމާ ހެނދުނުން ފެށިގެން ކުރިއަށްދާނެކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ފޮނުވާ ވޯޓު ކަރުދާސް ފޮނުވުމުގެ މަސައްކަތް، ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށްދާނެކަމަށް ޙަސަން ވިދާޅުވިއެވެ.

ރިސޯޓްތަަކަށް ވޯޓު ކަރުދާސް ފޮނުވާނީ ހުކުރު ދުވަހުއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.