ޚަބަރު

މުޢިއްޒުގެ ގެކޮޅަށް މަސްތުވާތަކެތި ވައްދާ ރޭޑް ކުރަން އުޅޭކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި


  • ފުލުހުން ވިދާޅުވި މިއީ ޚަޤީގަތް ބެލުމެއްނެތި ފަތުރާފައިވާ ވާހަކައެއްކަމަށް

  • މިއީ ވަކި ސިޔާސީ ބޭނުމެއް ޙާސިލްކުރުމަށް، ފުލުހުންގެ އަގު ވައްޓާލުމަށް ދައްކަމުންދާ ވާހަކައެއްކަމަށް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ގެކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރަން ރާވަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކުރައްވައިފިއެވެ.

ފުލުހުން މިކަން ހާމަކުރައްވާފައި މިވަނީ މުޢިއްޒުގެ ގެކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރަން ރާވަމުންދާކަމަށް ޗެނަލް-13 އިން ރިޕޯޓްކޮށްފައިވަނިކޮށެވެ. މި ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް، ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ދޮގު ވާހަކަތަކެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ޗެނަލް-13 އިން ގެނެސްދީފައިވާ އެ ޚަބަރަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އަގު ވައްޓާލުމަށް ގެނެސްފައިވާ، ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށެވެ. މިކަމަކީ ވަކި ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމުގެ ބޭނުމެއްގައި ފަތުރަމުންދާ ވާހަކަތަކެއްގެ ގޮތުގައި ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މިއީ އެ ޚިދުމަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ޒިންމާދާރިކަމެއް ނެތި ފަތުރާވާފައިވާ ވާހަކަތަކެއްކަމަށެވެ. އަދި މިފަދަ ވާހަކައެއް ފަތުރާފައިވަނީ މަޢުލޫމާތުގެ ސައްޙަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށްކަންވެސް ފުލުހުން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި ޚިލާފު މިފަދަ ކަންކަން ނުކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.