މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ނޭޕާލުން ހޯދައިފިއެވެ.
މި މެޗު އެއްވަރުކޮށްލައިގެންވެސް ސެމީއަށް ދިޔުމުގެ ފުރުސަތު ރާއްޖެއަށް އޮތް ނަމަވެސް، ކަތުމަންޑޫގެ ދަޝްރަތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ޕާކިސްތާނާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
މިއަދު ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި ނޭޕާލުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕްރަޝާންތު ލަކްސަމެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި ސާމިރު ތަމަންގް ވަނީ ނޭޕާލުގެ ލީޑުފުޅާކޮށްދީފައެވެ.
އޭގެ އިރުކޮޅެއް ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެން ނޭޕާލުގެ ސުޖާން ޑަންގޯލް އާއި ރާއްޖޭގެ ކެޕްޓަން މުޙައްމަދު އިޔާނަށް ވަނީ ސީދާ ރަތް ކާޑު ދައްކާފައެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި އާދަމް ލަޔާން ރަޝީދު ވަނީ ލަނޑެއް ޖަހައި، ރާއްޖެއަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ނިރާޖަން ދާމީ ވަނީ ނޭޕާލަށް އަލުން ލީޑު ފުޅާކޮށްދީފައެެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސާމިރު ވަނީ ނޭޕާލުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މޮޅާއެކު ސެމީއަށް ނޭޕާލް ދިޔައީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ އެއްވަނަ ހޯދީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ޕާކިސްތާނެވެ. ދެވަނައަށް ދިޔަ ނޭޕާލަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމާލި ރާއްޖެއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.