ޚަބަރު

ބަންދުގައި ތިބޭ މީހުންނާއި ބައްދަލު ކުރުމުގެ އުޞޫލު ބަދަލުކޮށްފި


އެކި އެކި މައްސަލަތަކުގެ ތަޙުޤީޤު މަރުޙަލާގައި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާއި ބައްދަލުކުރުމުގެ އުޞޫލަށް ބަދަލުތަކެއް ގެންނަވައިފިއެވެ. 

އިއްޔެއިން ފެށިގެން ޢަމަލުކުރަން ފެށި މި އުޞޫލުގައިވާ ގޮތުން ޢާއިލީ ބައްދަލުވުންތައް ހަމަޖައްސައިދެވޭނީ، ފުލުހުންގެ ބަންދުގައި އެމީހަކު 7 ދުވަހަށްވުރެ ގިނަ މުއްދަތަކަށް ހުންނަ ނަމައެވެ. އެހެން ނަމަވެސް މައްސަލަ ތަޙުޤީޤު ކުރާ އިންވެސްޓިގޭޝަން އޮފިސަރުގެ ހުއްދައާއެކު ޚާއްޞަ ގޮތުން ޢާއިލީ ބައްދަލުވުންތައް ހަމަޖައްސައިދޭ ގޮތަށް މިހާރު ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން ބަންދުގައި ހުންނަ މީހަކަށް ޢައިލީ ބައްދަލަވުން ހަމަ ޖައްސައި ދެވޭނީ ކޮންމެ ފަނަރަ ދުވަހަކުން އެއް ބައްދަލުވުން ކަމަށާއި ޢާއިލީ ބައްދަލުވުމެއްގެ ދިގު މިނަކީ އެއް ގަޑިއިރުކަމަށްވެސް ވަނީ ހަމަޖައްސާފައެވެ. 

އުޞޫލުގައިވާ ގޮތުން ބަންދުގައި ހުންނަ މީހާ އެދިގެން ނުވަތަ އެމީހެއްގެ ޤާނޫނީ ވަކީލު އެދިގެން ވަކީލުންގެ ބައްދަލުވުން ހަމަޖައްސައި ދެވޭނީ ހަފްތާއަކު ދެ ބައްދަލުވުމެވެ. މިގޮތުން ބާއްވާ ބައްދަލުވުންތައް ބޭއްވޭނީ ހުކުރު ދުވަހާއި، އެކިއެކި މުނާސަބަތު ތަކާގުޅިގެން ސަރުކާރު ބަންދުކުރާ ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހު ހެނދުނު ނުވަޔަކުން ރޭގަނޑު ދިހައަކާ ދެމެދު ކަމަށްވެސް ވަނީ ހަމަޖައްސާފައެވެ. ވަކީލުންގެ ބައްދަލުވުމެއްގެ ދިގުމިނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދޮޅު ގަޑިއިރުއެވެ. 

ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒް ވިދާޅުވީ އަލަށް ޢަމަލުކުރަންފެށި އުޞޫލުގެ ސަބަބުން ޢާއިލީ ބައްދަލުވުންތަކަށް އެދޭ ފަރާތްތަކަށް ބައްދަލުވުންތައް ހަމަޖައްސައިދިނުން އިތުރުކުރެވި ގިނަ ޢާއިލާތަކަށް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި ވަކީލުންގެ ބައްދަލުވުންތައްވެސް މި ބަދަލާއެކު އިތުރަށް ހަރުދަނާވެ ފުރުޞަތު ދެވޭ މިންވަރު އިތުރު ކުރެވިގެންދާނެ ކަމަށް ނާފިޒް ވިދާޅުވިއެވެ.