ޚަބަރު

ޤަވާއިދާ ޚިލާފަށް އުތުރު ތިލަފަޅަށް އަރަންއުޅުނު މައްސަލަ ފުލުހަށް ހުށައަޅައިފި


  • އުތުރު ތިލަފަޅަށް އަރަން އުޅުނީ ނޫސްވެރިންތަކެއްކަމަށް

  • މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް

  • އެރަށަށް އަރަން އުޅުނީ ސަރުކާރުން ގޯތި ދޭ ސަރަޙައްދު ބަލަން ކަމަށް ބުނެ

އުތުރުތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަނެތި ވަދެ ވީޑިއޯކޮށް، ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވެ އެރަށަށް އަރަން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީފުން އިއްޔެ ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަޙައްދަށް ބައެއް "ދިޔަރެސް" ނޫހުގެ ނޫސްވެރިން އަރަން މަސައްކަތްކުރި މައްސަލަ ބަލާ ފިޔަވަޅު އެޅާނެކަމަށެވެ.

ދިޔަރެސް ނޫހުން މި ޢަމަލު ހިންގާފައިވަނީ، އުތުރު ތިލަފަޅު ހިއްކާ އެތަނުން ރައްޔިތުންނަށް ގޯތި ދޫކުރާނެކަމަށް ސަރުކާރުން ބުނި ބުނުމާއި ގުޅިގެން، އެތަން ބަލަންކަމަށް ބުނެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުންތަކަށް ތަރައްޤީކުރަމުން އަންނަ ސަރަހައްދު ފިޔަވައި އެފަޅުގެ ބާކީ ސަރަޙައްދުތައް ރެސިޑެންޝަލް އޭރިޔާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަމަށް ސަރުކާރުން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހާމަކުރައްވާފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި ދިޔަރެސް ނޫހުގެ ނޫސްވެރިން ލޯންޗެއްގައިގޮސް ހުއްދަނެތި ސިފައިންގެ ބަނދަރުތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެރަށަށް އެރުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.

މިގޮތަށް ހުއްދަ ހޯދުމެއްނެތި އެރަށް އަރަން އުޅުމަކީ ޤާނޫނާއި ޤަވާއިދާއި ޚިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެއްކަން ފާހަގަކޮށް، އެކަން އެމްއެންޑީއެފްއިން ވަނީ ހަރުކަށު ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްއިން ތަރައްޤީކުރަމުން އަންނަ ބަނދަރުގެ މަސައްކަތްތައް ދައްކާލުމަށް ވަރަށްފަހުންވެސް އެކަމަށް އެދުނު މީޑިއާތަކަށް ފުރުޞަތު ފަހިކޮށްދީފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަނެތި ވަނުންމަނާ ތަންތަނެވެ. އަދި އެފަދަ ތަނަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަކީ ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާކަމެއްކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސިފައިންގެ ބަނދަރު ތަރައްޤީކުރަމުން އަންނަ ސަރަޙައްދަށް ހުއްދަނެތި އެރުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް އެރަށުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީވެސް މި އުޞޫލުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް އަސްކަރިއްޔާގެ މަރުކަޒުތަކަށް ހުއްދަނެތި އެއްވެސް ފަރާތަކުން ވަނުމަށް މަސައްކަތްކޮށްފިނަމަ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، އެފަދަ މަރުކަޒަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުންކުރުންވެސް ހުއްދަކުރެވިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެންޑީއެފްގެ ހުއްދަނެތި އެމްއެންޑީއެފްގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލައެއްކަމުގައި ދެކޭކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ޤާނުނުގައިވާ ގޮތުގެ މަތިން މި މައްސަލަ ބައްލަވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.