ޚަބަރު

ޗައިނާއާ ދެކޮޅަށް ރާއްޖެ ނިކުންނާނީ އެޓޭކިން ގޭމަކަށް- ހާބަޓް


ޗައިނާ ޓީމު ކިތަންމެ ވަރުގަދަ ނަމަވެސް ރާއްޖެއިން އެޓީމާއި ދެކޮޅަށް ކުޅޭނީ އެޓޭކިން ގޭމެއް ކަމަށް ޤައުމީ ޓީމްގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ނުކުތުމަށް, މިރޭ ޗައިނާއަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗް ރިކީ ހާބަޓްބުނީ ޗައިނާ އަކީ ރާއްޖެއަށް އާޓީމެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ޓީމް ނުކުންނާނީ 3 ފޯވާޑުންނާއެކު އެޓޭކިން ގޭމަކަށް ކަމަށެވެ.

ކޯޗް ރިކޯ ހާބަޓް ބުނީ އޭއެފްސީކަޕްގައި މާޒިޔާއާއި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުން މީގެ ކުރިން ޗައިނާގެ ޓީމްތަކާ ދެކޮޅަށް ކުޅެފައިވުމުން، މިއީ ރާއްޖޭގެ ޤައުމީ ޓީމަށްވެސް ފައިދާ ކުރާނެކަމެއްކަމަށެވެ. އަދި ޗައިނާ މެޗްގެ ކުރިން އޭއެފްސީކަޕްގައި ރާއްޖޭގެ 2 ޓީމުން ރަނގަޅު ނަތީޖާއެއް ނެރެފައިވުމީވެސް އެކަމުގެ ފައިދާ ޓީމަށް ލިބިގެންދާނެކަމަށް ކަމަށެވެ. ޤައުމީ ޓީމްގެ ޒުވާން ކުޅުންތެރިންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއްކަން ފާހަގަކުރަމުން ކޯޗް ބުނީ، ޗައިނާ އަކީ ފުޓްބޯޅައިގައި ގަދަ ބާރަކަށްވާއިރު، އެފަދަ ޓީމަކާ ދެކޮޅަށް ރާއްޖޭގެ ޓީމް ނިކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަަށެވެ. އަދި ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށް މިހާރު ބޭނުންވަނީ މިފަދަ ވަރުގަދަ މެޗްތަކެއްކަމަށްވެސް ކޯޗް ބުންޏެވެ.

"މީގެ ކުރިންވެސް އަހަރެއް ބުނާގޮތަށް އަހަރެން ބޭނުންވަނީ ޓީމެއް ތައްޔާރުކުރަން، ކާމިޔާބީ ހޯދާނެ ޓީމެއް ބިނާކުރަން. މިހާރުތިބި ޒުވާން ކުޅުންތެރިންގެ އިތުރުން އަދިވެސް ޒުވާން ކުޅުންތެރިން ޓީމަށް އަންނާނެ، ޗައިނާ މެޗަކީ މިކުޅުންތެރިންނަށް ވަރަށް ރަނގަޅު މެޗެއް. ބައިނަލަގްވާމީ މެޗްތަށް ކުޅެންވީ ވީހާވެސް ބޮޑެތި ޓީމްތަކާ، އަދި މިކަންވެގެންދާނީ ބޮޑު ޗެލެންޖަކަށް.." ކޯޗް ރިކީ ހާބަޓް ބުންޏެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން ޢަލީ އަޝްފާގް، އަމްދާން އަލީ، މުޙައްމަދު އާރިފް އަދި އަސަދުﷲ އަބްދުﷲ ވަނީ ޓީމުން ބާކީކޮށްފައެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ޓީމުން ޖާގަ ހޯދި ހުސެން ނިޔާޒަށް، ފުރަން ތައްޔާރުވެފައިވަނިކޮށް އޭނާގެ ޞިއްޙީ ހާލަތު ހުރިގޮތުން ޓީމާއެކު ދެވޭގޮތްވަނީ ނުވެފައެވެ.

ޗައިނާއާއި ދެކޮޅަށް މިމަހުގެ 24ވަނަ ދުވަހު ރާއްޖޭގެ ޓީމު ނުކުންނަ މެޗް ކަވަރކުރުމަށްޓަކައި ޕީއެސްއެމްގެ ސްޕޯޓްސް ޓީމްގެ މޫސާ ޝިފާންވެސް ވަނީ މިރޭ ޤައުމީ ޓީމާއި އެކު ޗައިނާއަށް ފުރާފައެވެ.

ވޯލްޑްކަޕް ކޮލިފައިންގެ ރާއްޖެއާއި ޗައިނާ ބައްދަލްކުރި ފުރަތަމަ މެޗް ތިނެއް  ސުމަކުން ކާމިޔާބު ކޮށްފައިވަނީ ޗައިނާއިންނެވެ. ހޯމް މެޗްގެ ގޮތުގައި ރާއްޖޭގައި ކުޅެން އޮތް މި މެޗް  ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ ސަބަބުން ކުޅެފައިވަނީ ޗައިނާގައެވެ.