ކުޅިވަރު

ސާދަ އަހަރުންދަށުގެ ފައިނަލަށް އިސްކަންދަރާއި މަޖީދިއްޔާ


އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލުން އިސްކަންދަރު ސްކޫލާއި މަޖީދިއްޔާ ސްކޫލް ޖާގަ ހޯދައިފިއެވެ.

 މިމުބާރާތުގެ ފައިނަލުން އިސްކަންދަރު ސްކޫލް ޖާގަހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަމަތަ މެޗްގައި އިމާދުއްދީން ސްކޫލާ ވާދަކޮށް ދެލަނޑު އެއް ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާކުރި ހޯދީ އިމާދުއްދީން ސްކޫއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް ޝަފީޢުއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިސްކަންދު ސްކޫލުންވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ އެކެއް އެކަކަށް ބަދަލުކޮށްލާފައެވެ. ފުރަތަމަ ހާފް ނިމެން ދެ މިނެޓްއަށް ވެފައިވަނިކޮށް މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އިމްރާންއެވެ. 

އިސްކަންދަރު ސްކޫލަށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދިން ލަނޑު މެޗްގެ ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީވެސް އިބްރާހީމް އިމްރާންއެވެ.

img:http://s1.psmnews.mv/images/660x400/14584830697315.jpg|އިންޓާރ ސްކޫލް 14 އަހަރުން ދަށުގެ ސެމީ ފައިނަލް މެޗްގެ ތެރެއިން- ފޮޓޯ:ޕީއެސްއެމް-ވަހީދު

މަޖީދިއްޔާ ސްކޫލް ފައިނަލުން ޖާގަހޯދީ މިއަދު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗްގައި އަޙުމަދިއްޔާ އިންޓާރނޭޝަނަލް ސްކޫލާ ވާދަކޮށް ތިން ލަނޑު ސުން ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. 

މިމެޗްގައި މަޖީދިއްޔާ ސްކޫލްއިން ޖެހި ތިން ލަނޑުވެސް އެޓީމުން ޖަހާފައިވަނީ ދެވަނަ ހާފްގައެވެ. މަޖީދިއްޔާ ސްކޫލްގެ ތިން ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ޒަޔާން، އަހުމަދު ރަޝީދު އަދި މުހައްމަދު މިލްވާންއެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހު ހަވީރު ހަތަރުގަޑު ފަނަރައިގައެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ހެންވޭރު ދަނޑުގައެވެ.