ޚަބަރު

ބޮޑު އިންޓްރެސްޓުގައި ގާކޮށްޓާއި ޢަރަބިއްޔާއިން ފްލެޓް ގަތް 50 ފަރާތަކަށް ފަހިދިރިއުޅުމުން ފްލެޓް ދެނީ


  • އިންޓްރެސްޓް ކުޑަކުރުމަށް ބޭންކުތަކާއެކު ކުރި މަސައްކަތް ކާމިޔާބެއްނުވި

  • ފްލެޓްތައް ނިންމީ ކޮންޓްރެކްޓަރަށް އިތުރު 278 މިލިއަން ރުފިޔާ ދައްކައިގެން

  • ކުރީގެ ސަރުކާރުން އަގުތައް ބޮޑުތަނުން އިތުރުކުރި

ބޮޑު އިންޓްރެސްޓުގައި ލޯނު ނަގައިގެން ގާކޮށްޓާއި ޢަރަބިއްޔާއިން ފްލެޓް ގަތް 50 ފަރާތަކަށް ފަހިދިރިއުޅުން ކޯރޕަރޭޝަނުން ތަރައްޤީކުރާ ފްލެޓްތަކުން ފްލެޓް ދޭން ސަރުކާރުން ނިންމަވައިފިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ސަރުކާރުން ހިންގެވި "ވެށިފަހި" މަޝްރޫޢުގެ ދަށުން ގާކޮށްޓާއި ޢަރަބިއްޔާގެ ފްލެޓްތައް ދޫކުރަން ނިންމަވާފައިއޮތީ ދިގު މުއްދަތަކަށް ފައިސާދައްކާ ޚަލާސްކުރާގޮތަށް ހެޔޮ އަގެއްގައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އަގުތަކަށް ގެންނެވި ބަދަލުތަކާއެކު މި ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކަށް މަޖުބޫރުވީ ބެންކު މެދުވެރިކޮށް ބޮޑު އިންޓްރެސްޓެއްގައި ލޯނު ނަގައިގެން ފްލެޓްތައް ގަތުމަށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ބޮޑު އިންޓްރެސްޓެއްގައި ލޯނު ނަގައިގެން ގާކޮށްޓާއި ޢަރަބިއްޔާއިން ފްލެޓް ގަތުމަށް މަޖުބޫރުވި ފަރާތްތަކުން އެކަމަށް ލުޔެއް ހޯއްދައިދިނުމަށް މި ސަރުކާރުގައި އެދުނުކަމަށެވެ. އަދި އެއާއެކު އެކަމަށް ލުޔެއް ހޯދުމަށް ސަރުކާރުން ބޭންކުތަކާ ވާހަކަދައްކައިގެން އެ ލޯނުތަކުގެ އިންޓްރެސްޓް ކުޑަކުރެވޭތޯ މަސައްކަތް ކުރެއްވިކަމަށާއި ނަމަވެސް ބޭންކުން އެގޮތަށް އެއްބަސްނުވުމުން، އެފަރާތްތަކަށް ސަރުކާރުން އެންމެ ފުރަތަމަ އަޅާ ފްލެޓްތަކުން ފްލެޓް ދޭނެކަމުގެ ލިޔުން ސަރުކާރުން ދެއްވާފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، މިގޮތަށް އަގުބޮޑުކޮށް ފްލެޓް ގަތް 50 ފަރާތަކަށް ފަހިދިރިއުޅުން ކޯރޕަރޭޝަނުން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން ފްލެޓް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ނިންމަވާފައިވާކަމަށެވެ. އަދި ގާކޮށިން ފްލެޓް ގަތް އެންމެންނަށް، އެ ފަރާތްތަކުން ބޭނުންވާނަމަ ސަރުކާރުން އެންމެ އަވަހަށް ހުޅުވާލާ ގޯތި ދޫކުރުމުގެ ޕްރޮގްރާމަކަށް ކުރިމަތިލުމަށް ފުރުޞަތުދޭން ސަރުކާރުން ނިންމަވާފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

"އެމީހުންނަށް ސަރުކާރުން އެންމެ އަވަހަށް އަޅާ ފްލެޓްތަކުން ފްލެޓް ދޭނެކަމުގެ ލިޔުން ކުރިން ދީފައިވާނެ. މިއަދު ރައީސް ނިންމެވީ ފަހިދިރިއުޅުން ކޯރޕަރޭޝަނުން އަޅާ ފްލެޓްތަކުން ފްލެޓް އެ 50 ފަރާތަށް ދެއްވަން. ގާކޮށީގެ ހުރިހާ އެންމެންނަށް ދެއްވި ފުރުޞަތަކީ އެމީހުން ބޭނުމިއްޔާ އަޅުގަނޑުމެން އަލަށް ހުޅުވާ ޕްރޮގްރާމުން ބިމަށް އެޕްލައިކުރެވޭނެ ފުރުޞަތު ދެއްވުން" އަކްރަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މާލޭގައި ޢިމާރާތްކުރި ގާކޮށި އަދި ޢަރަބިއްޔާ ފްލެޓުތައް އަގު ބޮޑުކުރީ ކުރީ ސަރުކާރުން ވަކި މަޤްޞަދެއް ޙާސިލުކުރުމަށްކަމަށް އަކްރަމް މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ.

2010 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ފްލެޓްތަކުގެ އަގެއްގެގޮތުގައި ކަނޑައަޅާފައިވަނީ މަހަކަށް މަދުވެގެން 7000 ރުފިޔާ ދައްކާގޮތަށެވެ. އެއީ ޑައުންޕޭމަންޓަށް 28،000 ރުފިޔާ ދައްކައި، 20 އަހަރު ދުވަހުން ފައިސާ ދައްކާ ޚަލާސްކުރާގޮތަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ސަރުކާރު ބަދަލުވެ، ޢަރަބިއްޔާއާއި ގާކޮށީގެ ފްލެޓުތައް ނިންމުމުގެ މަސައްކަތް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފެށީ ކޮންޓްރެކްޓަރަށް އިތުރަށް 278 މިލިއަން ރުފިޔާ ދައްކައިގެންނެވެ. އެ ފައިސާ ކޮންޓްރެކްޓަރަށް ދެއްކީ ސަރުކާރުން އެޗްޑީސީއަށް އެ ފައިސާ ދިނުމުންނެވެ.

ޕްރޮޖެކްޓުގެ އަގު ބޮޑުވެގެން ދިޔުމާއެކު ފްލެޓުތަކުގެ އަގުގެ ގޮތުގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އެތައް ގުނައެއް ބޮޑުކުރަންޖެހުނެވެ. އެގޮތުން ކުރީގެ ސަރުކާރުން 2016 ގައި ނިންމެވީ ފްލެޓްތަކުގެ އަގު ދެ މިލިއަން ރުފިޔާ އެއް ފަހަރާ ދައްކަންޖެހޭގޮތަށެވެ. އަދި މި ފްލެޓްތައް 2017 ވަނަ އަހަރު ވަނީ އެޗްޑީސީގެ ދަށަށް ބަދަލުވެސްކޮށްފައެވެ.

އެފަހުން އެޗްޑީސީން އާއިލާތަކަށް އެންގީ 5 އަހަރުން 2 މިލިއަން ރުފިޔާ ދައްކާ އަގު ދައްކާގޮތަށެވެ. އެއީ މަހަކު 33،000 ރުފިިޔާގެ މަގުންނެވެ. އަދި އެއަގަށް އެއްބަސްނުވާ ފަރާތްތަކުގެ ފްލެޓްތައް ވިއްކާލުމަށްވެސް އެޗްޑީސީން އޭރު ނިންމިއެވެ. މިއީ އާއްމުކޮށް މީގެ ކުރީގެ ސޯޝަލް ހައުސިންގ ސްކީމްތަކުގައި ޢަމަލުކޮށްފައިވާ ގޮތެއްނޫނެވެ.

"ވެށިފަހި" ޕްރޮގްރާމުގެ ދަށުން ކުރީގެ ޢަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް، އަދި ގާކޮށި ހުރި ބިމުގައި 198 ފްލެޓް ވަނީ ތަރައްޤީކޮށްފައެވެ.