ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބޭސްފަރުވާއަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. އަދީބު ރާއްޖެ ވަޑައިގެންފައި މިވަނީ އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިނުގަންނަވާ ފިއްލަވާނެކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވަނިކޮށެވެ.
އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ޖުލައި 12 ވަނަ ދުވަހުއެވެ. އަދީބު ބޭސްފަރުވާއަށް ހުއްދަދެއްވީ، ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ވިދާޅުވެފައެވެ.
ބޭސްފަރުވާއަށް އަދީބަށް ދެއްވި 10 ދުވަހުގެ މުއްދަތު ޖުލައި 22 އަށް ހަމަވުމުން، އެ މުއްދަތު އޯގަސްޓް 28 އާއި ހަމައަށް ކަރެކްޝަނަލް ސާރވިސްއިން އިތުރުކޮށްދެއްވިއެވެ. އަދި އެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދުމުން މިމަހުގެ 15 އަށް އިތުރުކޮށްދެއްވިއެވެ. އޭގެފަހުން އެ މުއްދަތު ހަމަވުމުން އަންނަމަހުގެ އެކެއްގެ ނިޔަލަށް ވަނީ މުއްދަތު އިތުރުކޮށްދެއްވާފައެވެ.
އަދީބު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ތަރޑްވޭ ޑިކޮމްރެޓްސްއިން ބުނެފައިވަނީ ބޭސްފަރުވާގެ ފުރަތަމަ މަރުހަލާ ނިންމުމަށްފަހު އަދީބު މިހާރު ރާއްޖެ ވަޑައިގެންފައިވާކަމަށެވެ. އަދި ބޭސްފަރުވާގެ 2 ވަނަ މަރުހަލާ ކުރިއަށްގެންދިއުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވަނީ އަންނަ އޮކްޓޯބަރ މަހުގައިކަމަށްވެސް ވަނީ ބުނެފައެވެ.
އެމްޓީޑީސީންވަނީ އެ ޕާޓީގެ ރައީސް އަޙްމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރުން ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.