ސިޔާސީ ވާދަވެރިންނަށް އަނިޔާވެރިނުވެ، އެ ފަރާތްތަކަށް ފުރުޞަތު ދެއްވައިގެންވެސް ވެރިކަން ކުރެއްވޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދައްކަވައިދެއްވާފައިވާކަމަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑީއާރުޕީއާއި، ޕީޕީއެމްގައި އިސް މަޤާމުތަކެއް ފުރުއްވުމަށްފަހު، ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި މިހާރު މަސައްކަތްކުރައްވާ އިލްހާމް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސާލިހަށް ތާޢީދުުކުރެއްވުމަށް ނިންމެވިކަން ހާމަކުރައްވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަޤާމު ފުރުއްވަމުން ގެންދަވާ އިލްހާމް ވިދާޅުވީ ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ރައްޔިތުން ވިސްނަންެޖެހޭކަމަށެވެ.
އިލްހާމް ވިދާޅުވީ މިދިޔަ 5 އަހަރު ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި އެންމެ ޤާބިލް ބޭފުޅަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ސާލިހަށް ތާޢީދު ކުރެއްވުމަށް ނިންމެވި ސަބަބުތައް ކިިޔައިދެއްވަމުން އިލްހާމް ވިދާޅުވީ މިދިޔަ ފަސް އަހަރު ޤައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއިއެކް ވެރިކަން ކުރެއްވޭނެކަން އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުޞަތު ދެއްވައިގެންވެސް ވެރިކަން ކުރެވޭނެކަންވެސް ރައީސް ސާލިހު ދައްކަވައިދެއްވާފައިވާކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާއެކު ރައީސް ސާލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
بِسۡمِ اللّٰہِ الرَّحۡمٰنِ الرَّحِیۡمِِ
— Ilham Ahmed (@ilhammaldives) September 21, 2023
ޤައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު… pic.twitter.com/JTpZCLi6P9
އިލްހާމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. ނަމަވެސް ޕާޓީގެ މެމްބަރުން ބޭނުންވާ ކެނޑިޑޭޓަކަށް ތާޢީދުކުރުމުގެ މިނިވަންކަން މެމްބަރުންނަށް އޮންނާނެކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
އިލްހާމް އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްކަމަށްވާ މަޖިލީހުގެ ކުރީގެ މެމްބަރު، ރިޔާޒު ރަޝީދުވެސް ވަނީ ރައީސް ސާލިހަށް ތާޢީދުކުރެއްވުމަށް ނިންމަވާފައެވެ.
ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ރައީސް ސާލިހާއެކު މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ރިޔާޒް ވިދާޅުވީ، ރައީސް ސާލިހަކީ ސިޔާސީގޮތުން ހިންގެވި އިސްލާހީ ހަރަކާތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ.
ރައީސް ސާލިހަށް ތާޢީދު ކުރެއްވުމަށް ނިންމެވީ އިންތިޚާބުގެ ތެރޭގައި ރައްޔިތުން ފާޅުކުރަމުންދިޔަ ޝުޢޫރުތަކަށް ބަލާއިރު، ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް ސާލިހު އިންތިހާބުކުރެއްވުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށްވާތީކަމަށްވެސް ރިޔާޒު ރަޝީދު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ސާލިހު އިންތިހާބު ކުރެއްވުމަށް، ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދެއްވާނެކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ޖުމްހޫރީ ޕާޓީއާއި ރައީސް ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސްއިން އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ނިންމިޔަސް، އެ ދެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ދަނީ ރައީސް ސާލިހަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.