ތަޢުލީމު

ފިޝްކޭމްޕްގެ ބައިވެރިންނަށް ކަނޑުމަތީގެ ޙާދިސާތަކާބެހޭ ޑްރިލްއެއް


ކުރިޔަށްގެންދަވާ ފިޝް ކޭމްޕްގެ ދަރިވަރުންނަށް ކަނޑުމަތީގައި ޙާދިސާތަކުގައި ކަންތައް ކުރަންވީ ގޮތް ދަސްކޮށްދެއްވުމުގެ ޑްރިލްއެއް ބާއްވަވައިފިއެވެ. މި ޑްރިލް ހިންގެވީ އެމްއެންޑީއެފް ސަދަން އޭރިއާ ގުޅިވަޑައިގެންނެވެ.

އައްޑޫ ސިޓީގެ 4 ސްކޫލަކުން 32 ދަރިވަރުން ބައިވެރިވި މި ޑްރިލްގައި ކަނޑުމަތީ ޙާދިސާތަކުގައި ކަންތައް ކުރަންވީގޮތާއި ޢަމަލުކުރަންވީގޮތް އަދި ސަލާމަތާ ރައްކާތެރިކަމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދަރިވަރުންނަށް ބޭއްވެވި ޢަމަލީ ސެޝަނުގައި ކަނޑުމަތީގައި އަލިފާނުގެ ޙާދިސާތަކާއި، ކަނޑުވެގެން އުޅޭ މީހުން، ޙާދިސާތަކުގައި އަމަލުކުރަންޖެހޭ ގޮތް ދައްކާލާފައިވެއެވެ.

މި ކޭމްޕްގައި ބައިވެރިވި ދަރިވަރުން ބުނީ ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކެއް މިޑްރިލުން ދަސްވެއްޖެކަމަށެވެ. މިއީ ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އަމާޒުކުރައްވައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކުރިޔަށްގެންދާ ފިޝް ކޭމްޕެކެވެ.