ޚަބަރު

ކުޅުދުއްފުށީގައި 2،200 ފޫޓްގެ ބަނދަރެއް ހަދަނީ


ހދ.ކުޅުދުއްފުށީގައި 2,200  ފޫޓްގެ ބަނދަރެއް ތަރައްޤީ ކުރުމަށް އޭޝިއަން ޑިވްލޮޕްމަންޓް ބޭންކު، އޭ.ޑީ.ބީގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢަކީ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދަވާ ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓްގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ބަނދަރެއް ކަމަށެވެ. މި މަޝްރޫޢަށް އަށްސަތޭކަ އަށްޑިހަ ހާސް އެމެރިކާ ޑޮލަރު ނުވަތަ 13.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. 

ކުޅުދުއްފުށީގައި 28 ހެކްޓަރުގެ ބިން ހިއްކާފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ.  ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓްގެ ނަމުގައި ހިއްކި ބިން ތަރައްޤީ ކުރައްވަން ސަރުކާރުން ނިންމެވީ، 2014 ވަނަ އަހަރެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މި މަޝްރޫޢު މެނޭޖްކުރުމަށް ކޮންސަލްޓަންޓް ފާމެއް ހޯދުމަށް އިޢުލާން ކޮށްފައެވެ. ކޮންސަލްޓަންޓް ފާމުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ މަސައްކަތް މެނޭޖްކުރުމާއި، ޑީޓެއިލް ޑިޒައިން ހެދުމާއި، ޕްރޮކިޔުމަންޓް މަސައްކަތާއި ކޮންސްޓްރަކްޝަން މަސައްކަތްތައް މޮނީޓަރ ކުރުން ހިމެނެއެވެ.