ޚަބަރު

މުޖުތަމަޢުގެ ކުރިއެރުމަށް ލިޔުންތެރިންގެ ދައުރު މުހިންމު: ނާއިބު ރައީސް


  • ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި

  • މައުރަޒު ކުރިއަށްދާނީ މިމަހުގެ 20 ން 22 އަށް ޔުނިވަރސިޓީގެ މައިމަރުކަޒު

  • މި އަހަރު 23 ފަރާތަކުން މި މައުރަޒުގައި ބައިވެރިވޭ

މުޖުތަމަޢެއް ބިނާކުރުމަށް ލިޔުންތެރިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، ލިޔުންތެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން ނެރުއްވާ ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތާއި، ފޮތް މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމީ ޔުނިވާސިޓީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ލިޔުންތެރިކަމަކީ އެބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެދާއިރާއިން ފުރުޞަތު ފަހިކޮށްދެއްވުމަށް ޤައުމީ ޔުނިވަރސިޓީން "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ފެއްޓެވިކަމަށްޓަކައި އެމަނިކުފާނު ވަނީ ޤައުމީ ޔުނިވަރސިޓީއަށް ޝުކުރުއަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވާހަކަ ދައްކާއިރު ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެބައެއްގެ މާދަރީބަހަކީ އެބައެއްގެ އަސްލު އަންގައިދޭ ސިފައެއްކަން ފާހަގަކުރައްވައި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.

"އަބަދުވެސް ހަނދުމަފުޅުގައި ބަހައްޓަންޖެހޭކަމެއް އެއީ ވާހަކަ ދައްކަވާއިރު ބަހުގެ ހަމަތަކާ އުސޫލުތައް ހިފެހެއްޓުން، އެހެން ނޫނީ ދިވެހިބަސް އޭގެ އެންމެ ފުންމާނައިގައި ބޭނުމެއް ނުކުރެއްވޭނެ" ނައިބު ރައީސް ވިދާޅުވިއެވެ.

"ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން މި އަހަރު 3 ލިޔުންތެރިން ވަނީ ފޮތް ނެރުއްވާފައެވެ. މި ފޮތްތައް ނެރެދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 'އެމް.އެން.ޔޫ. ފޮތް މައުރަޒު' ހުޅުވައިދެއްވައި މި މައުރަޒު ބައްލަވައިލައްވާފައެވެ. 'އެމް.އެން.ޔޫ. ފޮތް މައުރަޒު' ކުރިއަށްދާނީ މި ސެޕްޓެމްބަރ މަހުގެ 20 ން 22 ށް ޔުނިވަރސިޓީގެ މައިމަރުކަޒުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. މި އަހަރު 23 ފަރާތަކުން މި މައުރަޒުގައި ވަނީ ބައިވެރިވެފައެވެ.