ޚަބަރު

ބީއެމްލްއެލްގެ ސްކޮލަރޝިޕް ފަންޑަށް ފުރުޞަތު ހުޅުވާލައިފި


  • 3 ދަރިވަރުންނަށް ސްކޮލަރޝިޕް ދޭނެ

  • 18 އަހާރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އެޕްލައިކުރެވޭނެ

  • އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ސުން ގަޑިއަކީ ނޮވެމްބަރ 4

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕް ފަންޑަކީ ބޭންކިންގއާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި، ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ހުޅުވާލި ފަންޑެކެވެ.

މި ސްކޮލަރޝިޕް އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ 3 ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިންގ، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިންގ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ދަރިވަރުންނަށް މި ފަންޑަށް އެދި ހުށަހޭނެއެވެ. މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު 4 ނޮވެމްބަރު 2023 ގެ ރޭގަނޑު 11:59 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ.