މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރާ އޭޓީއާރު މަރުކާގެ 2 ބޯޓު ގަންނަން އޭޓީއާރު ކުންފުންޏާއެކު އެއްބަސްވެއްޖެއެވެ. މޯލްޑިވިއަންގެ ފްލީޓް އައު ކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
މިއީ އެ އެއަރލައިނުގެ ފްލީޓުގައި ބޭނުންކުރާ ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ބަދަލުގައި ބޭނުން ކުރާން ގެންނަ ބޯޓުތަކެކެވެ. އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަނުން އެއްބަސްވެފައިވަނީ އޭޓީއާރު 600-72ގެ 2 ބޯޓު ގަތުމަށެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެ ކުންފުނީގެ ޚިދުމަތުގައި އޭޓީއާރުގެ ބޯޓުތައް ބޭނުންކުރަން ފެށުމުން ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކް ލިބެމުން އަންނަކަމަށެވެ. އަދި މިއީ ޚަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް ކަމަށްވެސް މިހާދު ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ފެންވަރު ރަނގަޅުކޮށް ވައިގެ ދަތުރުފަތުރުން ރަށްތައް ގުޅާލުމަށް ކުރާ މަސައްކަތަށް އަލަށް މި ގެންނަ ބޯޓުތަކާއެކު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
އޭޓީއާރު ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނަތާލީ ޓާނައުޑް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓު ޒަމާނީކޮށް، ތިމާވެއްޓާ ރައްޓެހި، ޚަރަދު ކުޑަ ބޯޓުތަކަކަށް ބަދަލު ކުރާއިރު އޭޓީއާރު މަރުކާގެ ބޯޓުތައް ހިޔާރުކުރުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރު މަރުކާގެ 3 ބޯޓު މިހާރު އޮވެއެވެ. އެއީ އޭޓީއާރު 600-72ގެ ދެ ބޯޓު އަދި އޭޓީއާރު 42-600ގެ އެއް ބޯޓެވެ.
މޯލްޑިވިއަނުން މިހާރު އަންނަނީ ބައިނަލްއަޤްވާމީ 2 ޤައުމެއްގެ 4 މަންޒިލަކަށް ދަތުރުކުރަމުންނެވެ. އެއީ ބަންގްލަދޭޝްގެ ޑާކާއާއި އިންޑިއާގެ ޓްރިވަންޑްރަމް، ކޮޗިން އަދި ބެންގަލޫރެވެ. އަދި ރާއްޖޭގެ 17 މަންޒިލަކަށްވެސް މޯލްޑިވިއަނުން ދަތުރުކުރެއެވެ.