ޚަބަރު

މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ ރަށްރަށުގެ ރައްޔިތުންނަށް ފްލެޓާއި ގޯތިދޭނަން: ރައީސް


  • ދަފްތަރުގައާއި މާލޭގައި އުޅޭތާ 20 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މީހުންނަށް ބޯހިޔާވަހިކަން

  • މާލެއަށް ހިޖުރަކުރުމުން ރަށުން ގޯތި ލިބުމަށް ދަތިވާކަން ރައީސް ފާހަގަކުރެއްވި

މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައިީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދަޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށްޓަކައި ގަލޮޅު ކަންމަތީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން އަންނަފަދައިން މާލެއަށް ހިޖުރަކޮށްގެން ދިރިއުޅޭ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. މިގޮތުން މާލެއަށް ހިޖުރަކޮށް އުޅެމުންދާ މީހުންނަށްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މާލެއަށް ހިޖުރަ ކޮށްގެން ބޮޑު އަގު ދީގެން ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް މިހާރު އަމިއްލަ ރަށުންވެސް ގޯތި ލިބުމުގައި ދަތިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެފަދަ މީހުންނަށް ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ހޯދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. މާލޭ ދަފްތަރުގައިވެސް ގިނަ އަދަދެއްގެ މީހުން ތިބިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދަފްތަރުގައި ޖެހިފައި ތިބީ 20 އަހަރަށްވުރެ ގިނަދުވެސްވެފައިވާ މީހުންނަށް ހައުސިންގ ސްކީމެއް ފަށްޓަވާނެކަމަށެވެ.

"މިހާރު އެކަމުގެ ސިޔާސަތުތައް އެކުލަވާލާ ފައިނަލް ކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.. މާލެއަށް ހިޖުރަކޮށްފައި ތިބި މީހުންނަށް ދާއިމީ ހައްލެއް ގެނެސްދޭނަން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މިދައުރުގައި މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 19842 މީހަކަށް ގޯތިދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ ގޯތިތައް ހެދުމަށްޓަކައި ހައުސިންގ ބޭންކެއް އުފައްދާ ލުއި ލޯނު ދޫކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފްލެޓް ލިބުނު 16923 މީހަކަށް ފްލެޓް ހަވާލުކުރައްވާނެކަމަށް ރައީސް ޞާލިޙު ވިދާލުވިއެވެ. އަދި ފްލެޓް އެޅުމުގެ މަޝްރޫއުގެ ދަށުން މިވަގުތުވެސް 4000 ފްލެޓްގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އިތުރު 4000 ފްލެޓް އެޅުމަށްޓަކާ ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. ރައީސް ވިދާޅުވީ ދެވަނަ ދައުރުގައި ބާކީ ފްލެޓްތަކުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.