މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް މުބާރާތުން އަޒްލީމާ ވަކިވެއްޖެ


މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 4 ވަނަ ޝޯވގައި ވާދަކުރި ގަދަ 9 ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރި ބައިވެރިން މިރޭ އިޢުލާން ކޮށްފިއެވެ.

ގާލާ ރައުންޑުގެ ރޭގެ ޝޯވގައި 9 ބައިވެރިންގެ ހުށައެޅުން ފެނިގެންގޮސްފައިވާއިރު، 5 ވަނަ ޝޯވއަށް ނުދެވި، މި މުބާރާތުން ވަކިވާން ޖެހުނު ބައިވެރިޔާއަކީ ފާތުމަތު އަޒްލީމާއެވެ.

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 4 ވަނަ ޝޯވ "މޯލްޑިވިއަން ނައިޓް" މި ތީމަށް ޚާއްސަކޮށްފައިވާއިރު، ރޭގެ ޝޯވގައި ބައިވެރިން ވަނީ ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެންދިޔަ އަމިއްލަ ރާގުގެ ހިތްގައިމު ރީތި ލަވަތަކެއް ހުށައަޅައިދީފައިއެވެ. އަދި މިރޭވެސް ބައިވެރިންގެ ފަރާތުން ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ. މީގެ އިތުރުން ގެސްޓް ޖަޖެއްގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުވެސް މިރޭގެ ޝޯވގައި ބައިވެރިވިއެވެ.

މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

ގަދަ 12 ބައިވެރިންނާއެކު ފެށުނު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑު މިހާތަނަށް އައިއިރު، އަޒްލީމާގެ އިތުރުން، 3 ބައިވެރިޔަކު ވަނީ މި މުބާރާތުން ވަކިވެފައެވެ. އެ 3 ބައިވެރިންނަކީ މުހައްމަދު އިފްހާމް އަޝްފާޤް، ފާތުމަތު ނައްބަތު އަދި އަހުމަދު ނަޒީޙުއެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ.

މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިހާރު ތާވަލްކުރެވިފައި ވާގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުއެވެ.