ޚަބަރު

ޑީއެޗްއެލް ޕެކޭޖެއް ނެގުމަށް ކަސްޓަމްސް ފީދެއްކުމަށް ކަމަށްބުނެ ސްކޭމް މެސެޖެއް ދައުރުވަނީ


  • ޑީއެޗްއެލް ޕެކޭޖެއް ނެގުމަށް ކަސްޓަމްސް ފީއެއް ދައްކަންޖެހޭކަމަށްބުނެ ސްކޭމް މެސެޖެއް ދައުރުވަނީ

  • މި މެސެޖުގައި ހިމެނޭ ލިންކަށް ނުވަނުމަށް ފުލުހުން އިލްތިމާސްކުރައްވާ

ޑީއެޗްއެލް ޕެކޭޖެއް ނެގުމަށް ކަސްޓަމްސް ފީއަށް ފައިސާ ދެއްކުމަށް އެދި ޓީއެމްއޭގެ ނަމުގައި ފޮނުވަމުންދާ މެސެޖްގައިވާ ލިންކަށް ނުވަންނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއިން ބޭރުން މުދާ ގެނައުމުގައި ގިނަ ބަޔަކު ބޭނުންކުރާ ޑީއެޗްއެލްއިން ޕެކޭޖެއް ނެގުމަށް ކަސްޓަމްސް ފީއަށް ފައިސާ ދެއްކުމަށް ކަމަށްބުނެ ޓީއެމްއޭގެ ނަމުގައި ލިންކެއް ހިމެނޭ މެސެޖެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ. އަދި މިލިންކް މެދުވެރިކޮށް ކޭޝް ކާޑުގެ މަޢުލޫމާތު ހިއްސާކުރުމަށް އެދެމުންދާތީ އެކަން އެގޮތަށް ނުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

ކޭޝް ކާޑުގެ މަޢުލޫމާތު އެކި ގޮތްގޮތުން ހޯދާ މީހުންގެ އެކައުންޓްތަކުން ގިނަ ޢަދަދެއްގެ ފައިސާ ފޭރޭކަމުގެ މައްސަލަވަނީ އިތުރުވެފައެވެ. މިކަންކަމަށް ޢާއްމުން ހުޝިޔާރުވެތިބުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

އެއްވެސް ލިންކެއް މެދުވެރިކޮށްވެސް އަދި ގުޅާއިގެން ނަމަވެސް އެމީހެއްގެ ކޭޝްކާޑާއި އެކައުންޓް ނަމްބަރާއި ގުޅޭ މަޢުލޫމާތު ބޭންކާއި އެނޫންވެސް އިދާރާތަކުން ނުހޯދާނެކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ޢާއްމުންނަށް އަންގަމުންނެވެ.